މިސަރުކާރު އަބަދުވެސް އޮންނާނީ ދިވެހި ރައްޔިތުންގެ ފަޅީގައި ދިވެހި ރައްޔިތުންނާއި އެކީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ 2026 ވަަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުއްވައި ދެއްވައި އިއްވެވި ރިޔާސީ ބަޔާނުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިގޮތުން ރައީސް ވިދާޅުވީ މިއީ ދިވެހީންގެ ރާއްޖެ ކަމަށާއި، މިއީ ދިވެހިރައްޔިތުންގެ ސަރުކާރެއް ކަމަށެވެ. އަދި މި ސަރުކާރު ކުރިޔަށް ދާނީ މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި، ރައްޔިތުންނަށްވީ ވަޢުދުގެ މަތީގައިކަމަށެވެ.
މިއަދު ރައްޔިތުން މިސަރުކާރަށް އިތުބާރު ކުރާކަމުގައި ރައީސް ވިދާޅުވިއެވެެެ. މިގޮތުން މިސަރުކާރު ކުރިއަށްދާނީ ރައްޔިތުން މިސަރުކާރަށްކުރި އިތުބާރުގެ މަތީގައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ އިތުބާރު ބިނާވެފައި އޮތީ އިސްލާމީ ތަރަހައާއި، ދިވެހިޤައުމިއްޔަތުގެ ބިންގަލާއި، ދިވެހީންގެ ސަލާމަތާއި ރައްކާތެރި ކަމާއި، ޒަމާނީ ޢިލްމީ ހޭލުންތެރިކަމާއި އުފެއްދުންތެރިކަމާއި، ރައްޔިތުންނަށް ލިބޭ ފުދުންތެރިކަމާއި ދިރިއުޅުމުގެ ފަސޭހަކަމާއި އަމާންކަމާއި ހަމަހަމަކަމާއި އިތުބާރާއި ހިތްފަސޭހަކަމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިިއެވެ.
މިސަރުކާރުން ރާއްޖޭގައި ޙަޤީޤީ މާނައިގައި ސިޔާސީ ގޮތުން ހަމަޖެހުން ޤާއިމް ކޮށްދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގައިވެސް މިސަރުކާރުގެ ކިބައިން ފެންނާނީ މި ސިޔާސަތު ތަންފީޒު ކުރާތަން ކަމުގައި ރައީސް ވިދާޅުވިއެވެ.
މިގޮތުން ކުރިއަށްއޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ ދެން ވެސް ފެންނާނީ ދިވެހި އެއްވެސް ރައްޔިތަކު ފަރަގުނުކޮށް ޢަދުލު ޤާއިމުކުރާތަން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ވިސްނުމާއި ޢިލްމުގެ ގޮތުންނާއި އިމާރާތްކުރުމާއި ބިނާވެށީގެ ގޮތުން ދިވެހި ޤައުމާއި ދިވެހި ރާއްޖެ އާ އުސްމިންތަކަކަށް ވާޞިލުކުރާތަން ކުރިއަށްއޮތް ތަނުގައި ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޙުދު އެމަނިކުފާނާއި އަދި އަދުގެ ސަރުކާރުގެ ހަކަތައާއި ހިތްވަރު ރެޔާއި ދުވާލު ޤުރުބާން ކުރާނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަރައްޤީއާއި ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

