ސަރުކާރުން ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށްޓަކައި ގްރޮސް ރިޒާވްގެ ނަމުގައި ކިތަންމެ ގިނަ ދޮގު ވާހަކަތަކެއް ދެއްކި ނަމަވެސް، އޭގެއިން އެއްވެސް ކަމެއް އެއީ ހަގީގަތަކަ ނުވާނެކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ވެހިރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވް 1.13 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާކަމަށް ރައީސް މުއިއްޒު ހާމަކުރެއްވީ މި އަހަރަށް މަޖިލިސް ހުޅުވައިދެއްވައި އިއްވި ރިޔާސީ ބަޔާނުގަ އެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ ތާރީހުގައި ރިޒާވް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
ރައީސް ވިދާޅުވީ، މިއަހަރު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ އިތުރުން، ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 100 މިލިއަން ޑޮލަރު މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. މި ފައިސާ ކުރިއަށް އޮތް 45 ދުވަސް ތެރޭގައި ދައުލަތަށް ޖަމާވެގެންދާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި ދައުލަތުގެ ގްރޮސް ރިޒާވްއާއި ގުޅޭގޮތުން ރައީސް މުއިއްޒު ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވައި ޣަފޫރު ވިދާޅުވީ ސަރުކާރުން ގްރޮސް ރިޒާވްގެ ވާހަކަ ދައްކަނީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކަމަށެވެ. ޣަފޫރު ވިދާޅުވި ގޮތުގައި ގްރޮސް ރިޒާވްއަކީ އެއްވެސް ހަރަދެއް ނުކަނޑައި ލިބޭ މިންވަރެވެ. އަދި ދުނިޔޭގެ އެއްވެސް ތަނެއްގައި ރިޒާވްގެ ހާލަތު ބަލަން މި ހިސާބު ބޭނުން ނުކުރާކަމަށް އޭނާ ވިދާޅުވި އެވެ.
ޣަފޫރު ވިދާޅުވީ ދައުލަތުގެ ނެޓް ރިޒާވްގައި ހުރީ 129 މިލިއަން ޑޮލަރު ކަމަށެވެ. އަދި ސަރުކާރުން ދައްކާ 244 މިލިއަން ޑޮލަރަީ އިންޑިއާގެ ރޯލް އޯވަރ އާއި ބޭންކުތަކަށް ދީފައިވާ ފައިސާ ހިމަނައިގެން ދައްކާ އަދަދެއްކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ އެކި ނިންމުންތަކުގެ ސަބަބުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވިކަމަށް ރިޔާސީ ބަޔާނުގައި ހިމަނާފައި ވާތީ، ޣަފޫރު ވިދާޅުވީ އެއާޕޯޓް ޓެކްސްއާއި ޓީޖީއެސްޓީ ބޮޑުކޮށްގެން ލިބުނު ފައިސާއެއީ ހިންގުންތެރިކަމުގެ ނަތީޖާއެއް ނޫންކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ރައްޔިތުންގެ އަތުން މި ސަރުކާރުން ފޭރިގެންފައިވާ ފައިސާ އެވެ.
ރިޔާސީ ބަޔާނަށް ފާޑުކިއުން އަމާޒުކުރައްވައި ޣަފޫރު ވިދާޅުވީ ރަސްމާލެ މަޝްރޫއު ނިމޭނެކަމަށް ބުނާ ތާރީހަށް މަސައްކަތް ނިންމާ ނުލެވޭނެކަމަށެވެ. އެގޮތުން 1009 ހެކްޓަރުގެ ބިން ހިއްކުމަށް ވައުދުވެފައިވީ ނަމަވެސް، އަހަރެއް ވެގެން ދިޔައިރު ހިއްކިފައިވަނީ އެންމެ 285 ހެކްޓަރު ނުވަތަ 27 އިންސައްތަ ބިންކަމަށް ޣަފޫރު ވިދާޅުވި އެވެ.
ޣަފޫރު ވިދާޅުވީ ރަސްމާލެއަކީ މެގަ ބޮޑު ޕްރެޖެކްޓެއްކަމަށް ސަރުކާރުން މަސައްކަތް ކުރާއިރު، އެއީ ކާމިޔާބު ޕްރޮޖެކްޓަކަށް ވެދާނެކަމާއި މެދު ރައްޔިތުން ސުވާލު އުފައްދާކަމަށެވެ. އަދި އެ މަސައްކަތް ނިމުނު ނަމަވެސް، އެއީ ރައްޔިތުންނަށް ދިރިއުޅެވޭނެ ތަނެއް ނޫންކަމަށް ޣަފޫރު ވިދަޅުވި އެވެ.
ޣަފޫރު ވިދާޅުވީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބިފައިވާ ރައްޔިތުން، ސަރުކާރުން ދައްކާ ”ހުވަފެނީ“ ވާހަކަތަކަށް ހެއްލި ގޯތި ބަދަލުނުކުރުމަށް އެދޭކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރެއްގައި 45,000 ރައްޔިތުންނަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެކަމަށް ވިދާޅުވި އެވެ.

