ކުޅުދުއްފުށީގެ 400 ހައުސިން ޔުނިޓުގެ މަސައްކަތް އެންމެ ލަސްވެގެން އަންނަ މާޗު މަހަށް ފެށޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ ސިޓީގެ ކެމްޕެއިން އިފްތިތާހު ކުރުމުގެ ހަފްލާގައި މިނިސްޓަރ މުއްތަލިބް ވިދާޅުވީ އެ ސިޓީއަކީ އުޖާލާ އާއިލާއެއް ބިނާކުރުމަށް އެތައް ބަޔަކު ހިޖުރަކޮށްގެން ދިރިއުޅެމުންދާ ސިޓީއެއް ކަމަށެވެ. ސިއްހީ ފަރުވާ ހޯދުމާއި އިތުރު އެހެން ކަންކަމަށްވެސް އުތުރގެ ރައްޔިތުން ބޭނުންކުރަމުންދާ މައި މަރުކަޒު ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މުއްތަލިބް ވިދާޅުވީ ތަރައްގީގެ މަގުގައި ކުށދުއްފުށި ސިޓީ އޮތީ އެހެން ރަށްރަށަށް ވުރެ މާ ކުރީގައި ކަން އެފަދަ ކަންކަމުން ބުނެދޭ ކަމަށެވެ. ކުރިއެރުމާއި އާބާދީއައިއެކު ކުޅުދުއްފުއްޓަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީވެސް އެއީ ކަން މިނިސްޓަރ ފާހަގަކުރެއްިއެވެ.
”ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހުރިއްޔާއަށް އަދި ދިވެހި ސަރުކާރަށް މިކަމުގައި އޮޅުމެއް ނެތް. މިރަށުގައި ފެށި ހުއްޓިފައިވާ 400 ހައުސިން ޔުނިޓު ހުއްޓިފައި މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް. މިއީ 2022 ވަނަ އަހަރުގެ ޖުލައި މަހު ފެއްޓި މަޝްރޫއުއެއް. އިއްތިފާގަކުން އޭރު މަޝްރޫއު ހަވާލުކުރެވުނީ އޭރު އެމްޑީޕީ ސަރުކާރުގެ މަޖިލިސް މެމްބަރެއްގެ ކުންފުންޏަކާއި“
އެޑްވާންސްގެ ގޮތުގައި 65 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށާއި، އަދި 21 މިލިއަން ޕްރޮޖެކްޓު ހިނގަމުން ދިޔައިރު ދިން ކަމަށް މުއްތަލިބް ވިދާޅުވިއެވެ. މުއްތަލިބް ވިދާޅުވީ 18 މަސް ތެރޭގައި ނިމިފައި އޮތީ 18 އިންސައްތަ ކަމަށެވެ. އެހެންނަމަވެސް އެކުންފުންޏާއިއެކު އަލުން މަސައްކަތް ފެށޭތޯ މަޝްވަރާ ކުރި ކަމަށާއި އެކަން ނުވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު އެ ކޮންޓްރެކްޓު ބާތިލްކޮށް، އެ މަސައްކަތް އެޗްޑީސީއަށް ހަވާލުކޮށްފައިވާ ކަމަށެވެ. މިނިސްޓްރަ ވިދާޅުވީ އެންމެ ލަސްވެގެން މާޗު މަހުގެ ެތރޭގައި މަސައްކަތް ފެށުމަށް ހަމަޖެހިގެންދާނެ ކަމަށެވެ.

