ކުޅުދުއްފުށި ސިޓީގައި ކޮންގްރެސް ޕާޓީންއެ ޕާޓިގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި، އިދިކޮޅު އެމްޑީޕީއަކީ ބާވެ މުސްކުޅިވެފައިވާ ޕާޓީއެއް ކަމަށާއި އެ ޕާޓީގައި ޒުވާން ލީޑަރެއްގެ އިތުރުން ޒުވާން ސިޔާސަތެއް ވެސް ނެތްކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާހް ވަނީ ވިދާޅުވެފައެވެ.
ދިވެހި ރައްޔިތުންނަށް އިއްޔެގެ ރިޔާސީ ބަޔާނުން ރައީސް ޑރ. މުއިއްޒު ދިވެހި ގައުމާ ދޭތެރޭގައި ގެންގުޅުއްވާ ހަރުދަނާ ރިޔާސީ ސިޔާސަތުތަކާއި އެމަނިކްފާނުގެ ވެރިކަމުގައި ވޭތުވެދިޔަ ދެއަހަރު ކުރެއްވި ބުރަ އަދި މިންނަތް މަސައްކަތްޕުޅު ފާހަގަވެގެން ގޮއްސިކަމަށެވެ. އަދި މި ރިޔާސީ ބަޔާނުގައި އެމަނިކުފާނެގެ ވެރިކަމުގައި ކުރިއަށް އޮތް ތާނގައި ކުރައްވާނެ ކަންކަން ވެސް ވަރަށް ތަފްސީލުކޮށް ބުނެދެއްވާފައިވާކަމަށް ފަލާހު ވިދާޅުވިއެވެ.
މީގެ ކުރިން ބާއްވާފައިވާ ހުރިހާ ރިޔާސީ ބަޔާނެއްގައި ވެސް އިދިކޮޅު މެންބަރުން ކިތަންމެ މަދުވިޔަސް ބޭރުކުރަން ޖެހޭ ކަމަށާއި ނަމަވެސް އިއްޔެގެ ރިޔާސީ ބަޔާން އިއްވި ތަނުން ފެނިގެންދިޔައީ އެމަންޒަރު ނޫންކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.
އިއްޔެގެ ރިޔާސީ ބަޔާނުގެ ފުރިހަމަކަމާއި އޭގައި އެކުލެވިގެންވާ ފުރިހަމަ މާނައިގެ ސަބަބުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ތިބީ ހައިރާންވެފައި ކަމަށާއި، އެކަން އެނގޭކަމަކީ ބައިގަޑިއިރު ފަހުން ހުރިހާ ބޭފުޅުން ހަމަހިމޭންވުން ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ ރައީސް ޑރ މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިެންނެވި އިރުގައި އެޕްޑީޕީއިން ދިވެހި ދައުލަތް ވައްޓާލާފައި އޮތީ ވަރަށް ފުން އަަނދަވަޅަކަށް ކަމަށެވެ. އަދި އެބޭފުޅުން ވެރިކަމުން ފައިބައިގެން ދިޔައިރު މި ގައުމަށް ފައިދާއެއް ނުވަތަ މަންފާއެއް ވާނެ އެއްވެސް ކަމެއް ކޮށްފައި ނެތްކަމަށް ވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ނިމިގެން ދިޔަ ވެރިކަމަކީ އެންމެނަށް ވެސް ފެންނަން އޮތް ހަގީގަތެއްކަމަށާއި، މި ގައުމުގައި މިއަދަކު ވާހަކައެއް ދައްކައިގެން ކަމެއް ހައްލުވާން ނެތްކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
ޕީއެންސީއަށް މި އިންތިހާބު މުހިންމުވަނީ ރައީސް ގެ ރިޔާސީ ވަައުދުފުޅުތައް ފޮތެއްގެ ސިފައިގައި ރައްޔިތުންނަށް ފެންނާނެހެން ނެރުއްވާފައި ވާތީ ކަމަށާއި އަދި އެއީ މިހާތަނަށް އެއްވެސް ވެރިއަކު ރައްޔިތުްނަށް އެހާ ސާފުކޮށް އެކަން އަންގައިދީފައި ނުވާކަމަށް ވެސް ފަލާހު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންނަށް ވެވަޑައިގެންފައި ވާ ވައުދުތައް ވަރަށް ކޮށްދޭ ހިތުން އަދާކުރައްވާ ބޭފުޅެއްކަމަށާއި އެހެންކަމުން މި ފަދަ ބޮޑެތި ބިޔަ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްޓަކައި ވަރަށް ބޮޑަށް ކައުންސިލްތަކުގެ އެހީ ބޭނުންވާނެ ކަމަށް ވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.
ފަލާހް ވިދާޅުވީ އެމްޑީޕީން ގެންގުޅެނީ 2008 އިން ފެށިގެން ގެންގުޅުނު ސިޔާސަތުތައް ކަމަށާއި، އެއީ މިހާރު ނުވިކޭ އެއްޗެއް ކަމަށް ވަނީ ސިފަކުރައްވައިފައެވެ. އަދި އެމްޑީޕީން ޒުވާނުންނަށް ފުރުސަތުދޭން ޖެހޭކަމަށާއި ނިމިދިޔަ އަހަރުވެސް ފިނޭސް މިނިސްޓްރީން ދެވަނައަށް އެންމެ ގިނަ ރުފިޔާ ދޫކުރި ޕާޓީއަކަށް އެމްޑީޕީ ވާނެ ކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ.

