މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް މިމަހުގެ 16 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިގޮތުން ބަރުބަރީ މިސްކިތް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ އަޞްރު ނަމާދަށް ކަމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
3 ބުރިއަށް އިމާރާތްކުރާ މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. މިއީ އަމިއްލަ ފަރާތަކުން ބިނާކުރާ މިސްކިތެކެވެ.
ވަޒީރު ވިދާޅުވީ ވިލިމާލެ މަސްޖިދުއްސަލާމް އަދި ޒިކުރާ މިސްކިތުގެ އަމަލީ މަސައްކަތްވެސް ރަމަޟާން މަސް ފަހުން ފެށިގެންދާނެކަމަށާއި ރަމަޟާން މަސް ކައިރި ވެފައި އޮތުމުން މިތަންތަން ތަޅާ ނުލައި މަސައްކަތް ފެށުން ލަސްކޮށްލީ ރައްޔިތުންނަށް ދަތިވެދާނެތީކަމަށް ވަޒީރު ވިދާޅުވިއެވެ. މިދެ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސްޕޮންސަރ ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވުމާއެކު، މާލެ ސަރަހައްދުގައި ހުންނާނީ ބާ މިސްކިތަކަށް ހެންވޭރު އަފީފުއްދީން މިސްކިތް އެކަނިކަމަށެވެ. އެތަނަށް ވެސް އެހީ ހަމަޖެހިގެންދާނެކަމަށާއި މާފަންނު ބޮޑުގެ މިސްކިތުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެމިސްކިތުގެ މަސައްކަތް އަންނަ އަހަރު ރޯދައަށް ނިމޭން ކަމަށާއި ހިރިގަލުގެ އާސާރީ މިސްކިތްތައް އާސާރީ ތަންތަންގޮތުގައި ދަމަހައްޓާނެ ކަމަށް ވަޒީރު ޑރ. ޝަހީމު ވިދާޅުވިއެވެ.
ރޯދަމަހުގެ ކުރިން ހުޅުވޭ މިސްކިތްތަކުގެ ތެރޭގައި މާލެއާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތައް ހިމެނެއެވެ. އަދި ޙާއްސަކޮށް ފޭސް 2 ގައި ދާއިމީ އިތުރު މިސްކިތްތަކެއް ބިނާކުރުމުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެކަމަށް ސަރުކާރުން ދެކެއެވެ. މިފަދަ ބޮޑެތި އާބާދީތަކުގައި ދީނީ ޚިދުމަތްތައް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު ޒިންމާއެކެވެ. ޚާއްޞަކޮށް މާލެ ސަރަޙައްދުގެ މިސްކިތްތަކުގެ ދަތިކަން ޙައްލުކުރުމަށް އަޅުއްވާ މި ފިޔަވަޅުތަކުގެ ސަބަބުން، ރައްޔިތުންނަށް ދީނީ އަޅުކަންތައް ފަސޭހަކަމާއެކު އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

