އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި ވެސް ގައުމުގެ ހަރުމުދާތައް ވިއްކާލުމަށް ފަހު، އޭގެއިން މަންފާ ނަގަމުން ގެންދިޔައީ އެ ޕާޓީގެ ވެރިންކަމަށް އެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ޕީއެންސީ ކުރިޔަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ފަލާހު ވިދާޅުވީ، 2011 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުފެދުނު ކައުންސިލްތަކުގެ ތެރެއިން އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލްތަކުން އެ ރަށްރަށުގެ ތަރައްގީއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.
ފަލާހު ވިދާޅުވީ، މިހާތަނަށް ޕީއެންސީގެ ޓީމްތަކުން ދަތުރު ކުރި ކޮންމެ ސިޓީއަކުންނާއި ރަށަކުން ފެނިގެން ދިޔައީ ޕީއެންސީގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ ތައުލީމީ، ގާބިލު އަދި ވަރުގަދަ ޒުވާން ކެންޑިޑޭޓުންތަކެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ބޮޑު މަސައްކަތެއް ކުރައްވަނީ ހަމައެކަނި އިންތިހާބެއް ކާމިޔާބު ކުރުމުގެ ބޭނުމުގައި ނޫން ކަމަށާއި، އޭގެ ފަހަތުގައި ގިނަ ސަބަބުތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީން ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު ގައުމަށް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވިއްކާލުމަކީ ގައުމަށް ދިން ބޮޑު އަނިޔާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ބަދަލެއްގެ ގޮތުން ދިވެހި ދައުލަތުން 270 މިލިއަން ޑޮލަރު އެއްފަހަރާ ދައްކަން ޖެހުނުކަން ފަލާހު ފާހަގަކުރެއްވި އެވެ.
އެމްޑީޕީގެ ވެރިކަމަށް އައިސް ވެރިކަމުން ފައިބައިގެން ދިޔަ ކޮންމެ ފަހަރަކު، ދިވެހިރާއްޖޭގައި ހުރި ހުރިހާ ހަރުމުދަލެއް ހުންނާނީ ވިއްކާލާފައި. މިދިޔަ ވެރިކަން ނިމުނުއިރު ރާއްޖޭގެ ހުރި ހުރިހާ ސްކޫލްތަކެއް ހުރީ މޯގޭޖުކޮށް ލޯނު ނަގާފައި
ފަލާހު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރުތަކުން ނަގާފައިވާ ލޯނުތަކުގެ ފައިސާ ވަދެފައިވަނީ އެ ޕާޓީގެ އިސްވެރިންގެ އަމިއްލަ ޖީބުތަކަށެވެ. އަދި ޕީއެންސީ އާއި އެމްޑީޕީގެ ތަފާތަކީ ގައުމުގެ ތަރައްގީއަށް ކުރާ އިހުލާސްތެރި މަސައްކަތްކަމަށް ފަލާހު ވިދާޅުވިއެވެ.
މީގެއިތުރުން ފަލާހު ވިދާޅުވީ، ކޮންމެ ކަމެއްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަންފީޒީ މަރުހަލާއާއި ހަމައަށް ގެންދަވަނީ ކެބިނެޓާ މަޝްވަރާކޮށް، ބޭނުންވާ ދިރާސާތައް ފުރިހަމަކުރުމަށްފަހު ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ވޭތުވެދިޔަ 15 އަހަރު އެމްޑީޕީއަށް މެޖޯރިޓީ ދިނުމަކީ ރައްޔިތުންނަށް ވެވުނު އިހުމާލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އައްޑޫ ސިޓީގެ ތަރައްގީއަށް އެމްޑީޕީން ހުރަސްއަޅާފައިވާ ކަމަށާއި، އަމިއްލަ މަސްލަހަތު އިސްކޮށް އައްޑޫ ރައްޔިތުންނަށް ގެނެސްދިން ހަގީގީ ތަރައްގީއެއް ނެތް ކަމަށް ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، އެމްޑީޕީން ކުރި ފަސް އަހަރުގެ ވެރިކަމުގައި ހަގީގީ ތަރައްގީއެއް ފެންނަން ނެތް ކަމަށާއި، އިންތިހާބާ ދިމާކޮށް ދެއްކި ދޮގު ވާހަކަތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީއަކީ އިސްލާމްދީނުގެ ސިޔާސަތުތަކާ ބީރަށްޓެހި ޕާޓީއެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ދީނީ ކަންކަމަށް އިސްކަންދެއްވައި ވާހަކަދެއްކެވި ވަގުތު، މަޖިލިސް ތެރޭގައި އަޑުގަދަކޮށް އެ ވާހަކަތައް އޮޅުވާލަން އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ދީނީ ސިޔާސަތުތަކުގެ ވާހަކަ ނިމުމާއެކު އެމްޑީޕީ މެންބަރުންގެ އަޑު މަޑުވިކަން ފާހަގަކުރައްވައި، އެއީ އެ ޕާޓީގެ ނުރައްކާތެރި ސިޔާސަތު ހުރި ގޮތް ކަމަށް ފަލާހު ވިދާޅުވިއެވެ.

