ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައާއި، ނޫސްވެރިޔާ ރިޟްވާން ގެއްލުވާލި މައްސަލަ ބޭނުން ކުރީ ސިޔާސީ ޓޫލްއަކަށް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެެއެވެ.
އޭނާ މިފަދައިން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ފަދަ ކަންކަން ދިމާވުމުން އެ ވާހަކަ ދައްކަނީ ސިޔާސީ މަންފާހޯދަން ކަމަށެެވެ.
އެގޮތުން ސިޔާސީ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް ބޮޑެތި ތުހުމަތުތައް ކުރުމުގެ ސަބަބުން އެ މައްސަލަތައް ބަލަން ދަތިތަކާއި ދިމާވާކަމަށް ނިޒާރު ވިދާޅުވިއެވެ.
އެ ފަދަ މައްސަލަތައް ވަގުތުން ނުބެލޭނަމަ ގިނަ ދަތިތައް ދިމާވާ ކަމަށާ، މަރުގެ ކޮމިޝަނުން ބަލާ މައްސަލަތަކަށް ކުރިއެރުން ހޯދަން އެންމެ ދަތިވާ ސަބަބަކީވެސް އެއީ ކަމަށް ނިޒާރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޑރ.އަފްރާޝީމްގެ މަރު ފަދަ މައްސަލަތައް ނުބެލުމުން އެކަމުގެ ޒިންމާ ދައުލަތުން ނަގަން ޖެހޭކަމަށެވެ.
“ މައްސަލަތައް އެބަ ޖެހޭ ހޫނުކަންމަތީ ބެލެން. މިހާރު އެފަހުން ކިތައް އަހަރުތޯ. ހެކި ފޮރުވަން ބޭނުންވާ ބަޔަކަށް އެކަން ކުރަން ފުރުސަތު ލިބޭހާ ދުވަސް ވެއްޖެ. ދައުލަތުން މިކަމުގެ ޒިންމާ ނަގަން ޖެހޭ. މައްސަލަތައް ވަގުތުން ނުބެލުމަކީ އެންމެ ބޮޑުއެއް މައްސަލަ. އަދި ސިޔާސީ ޓޫލް އަކަށް މިފަދަ މައްސަލަތައް ބޭނުން ކުރޭ. މިއަދު ކޮންމެ މީހަކީ ނޫސްވެރިއެއް. މީޑިއާގައާ މިވާހަކަ މިހެން ދެކެވެން ފެށީމަ ސިޔާސީ ނުފޫޒުވެސް އެބަ ވަދޭ. އަދި ނުފޫޒު އޮވެގެން ނުވަންޏާ ނުވާ ވާހަކަ އެބަ ބުނަން ޖެހޭ. އެ ވާހަކަ ނުދައްކާ ތިބެފަ، ނުފޫޒުގެ ސަބަބުން ނުވިއްޔޭ ބުނީމަ އެއީ ޒިންމާ އަދާކުރުމެއް ނޫން.“
ނިޒާރު ވަނީ މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ޖަވާބު ނުލިބި ހުރި މަރުގެ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ރިޔާސީ ކޮމިޝަންތައް މެދުވެރިކޮށް މި ސަރުކާރުން ކުރާ މަސައްކަތް ރަނގަޅުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން މަރުގެ މައްސަލަތައް ބަލާ ކޮމިޝަންގެ އިތުރުން ދައުލަތަށްލިބެންޖެހޭ ފައިސާ ހޯދުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުންވެސް ބުރަ މަސައްކަތްތަކެއް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޚިޔާނާތުގެ މައްސަލަތައް ބެލުމުގައި ވެސް ގިނަ ދުވަސްވަންދެން މައްސަލަތައް ނުބަލާ ހުރުމުން ހެކި ހޯދަން ދަތިވާ ކަމާއި، ސިޔާސީ ނުފޫޒުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހޭކަން ނިޒާރު ފާހަގަކުރެއްވިއެވެ.

