ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހު (ހަ ރޯދަ) ރާއްޖޭގައި ފިހާރަތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން އިއުލާންކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި މުދާ ވިއްކާ ތަންތަން ނުވަތަ ފިހާރަތައް ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެއެވެ.
ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނަށް ކަނޑައަޅާފައިވާ ގަޑިތަކަށް ބަލާއިރު، ރަމަޟާން މަހުގެ ރޭތަކުގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހުންނަ ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަން ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ވަނީ ދީފައެވެ.
މީގެ އިތުރުން، ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހު (ހަ ރޯދަ ތެރޭގައި) ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެ ދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މި ބަދަލުތަކަކީ ރަމަޟާން މަހުގެ ރޭތަކުގައާއި ހަ ރޯދަ ތެރޭގައި އާންމު ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ގެނެސްފައިވާ ބަދަލުތަކެކެވެ.

