ފަސް މިނެޓުން ގާނޫނުއަސާސީ ފުނޑާލައި، ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތް މަންޒަރު ބަލަން ތިބި ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ މެމްބަރުންނަކީ ”މިއްލައަށް ފިޔަކޮށާލައިގެން ކޮށްޓެއްގެ ތެރެއަށް ވަދެތިބި ބައެއް“ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
2026 ވަނަ އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިއަދު ފެށިއިރު، އެޖެންޑާގައި އޮތީ އިއްޔެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ފާސްކުރި ދެ އިންތިހާބު އެއްކޮށްލުމާއި ގުޅޭ ރިޕޯޓުގެ ބަހުސެވެ. އިސްލާހަށް ދެކޮޅަށް އިހުތިޖާޖުކޮށް އެމްޑީޕީން މިއަދުގެ ޖަލްސާގައި ބުނީ، ސަރުކާރުން މަސައްކަތް ކުރަނީ ވެރިކަމުގެ ދައުރު ދަންމާލައި 2028 ގެ ރިޔާސީ އިންތިހާބު ނުބޭއްވުމަށް ކަމަށެވެ. އަދި ތަޅުމުގައި އެމްޑީޕީގެ މެމްބަރުން އަޑުގަދަ ކުރަމުން ދިއުމުގެ ސަބަބުން ބައެއް މެމްބަރުންގެ ނަން އިއްވައި ވަނީ ތަޅުމުން ބޭރުކޮށްފަ އެވެ.
ކޮމިޓީގެ ރިޕޯޓުގެ ބަހުސްގައި މީކާއިލް ވިދާޅުވީ، ގާނޫނުއަސާސީއަކީ ބޭނުންވާހާ ވަގުތެއްގައި އިސްލާހުތައް ގެނެސް ކުޅޭކުޅޭ ފޮތަކަށް ވެގެން ނުވާނެ ކަމަށެވެ.
މީކާއިލް ވިދާޅުވި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން، އަވަސް އަރުވާލައިގެން ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ މި ސަރުކާރުގެ ހީލަތްތެރި ރޭވުމެއްގެ ދަށުން ކަމަށެވެ.
މީކާއިލް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، ކަނޑައެޅިފައިވާ އަސާސީ އުސޫލުތަކަށް ބަދަލުތައް ގެންނައިރު، އެ މަސައްކަތް ކޮންމެ ފަހަރަކު ކުރިޔަށް ގެންދަނީ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން ކަމަށެވެ. މިއީ އެއްވެސް ރޭވުންތެރިކަމެއް ނެތުންތޯ، ނުވަތަ ހީލަތްތެރި ރޭވުންތަކެއްތޯ ރައްޔިތުން ސަރުކާރުގެ އިސްވެރިންނާއި ސުވާލު ކުރަންޖެހޭކަމަށް މީކާއިލް ވިދާޅުވި އެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނެސް، ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ޕީއެންސީގެ މެމްބަރުން މަސައްކަތް ކުރަނީ ކޮން ބޭނުމެއްގައިތޯ މީކާއިލް ވަނީ ސުވާލު ކުރައްވާފަ އެވެ.
މީކާއިލް ވިދާޅުވި ގޮތުގައި، މި އިސްލާހުތައް މަޖިލީހަށް ހުށަހެޅުމުގެ މާ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ވަކިން ބައްދަލުވުންތަކެއް ބޭއްވެވިކަން މީޑިއާ ރިޕޯޓުތަކުން އެނގެ އެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބަށް ތަމްރީނުވަމުންދިޔަ އޮފިޝަލުންނަށް، ރިފަރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓަށް ބޭނުންވާ ތަމްރީނުތައް ދޭން ކުއްލިއަކަށް އެ ދުވަސްވަރު ފެށިގެން ދިޔަކަމަށް މީކައިލް ވިދާޅުވި އެވެ.
ފަސް މިނެޓުން ދިވެހިރާއްޖޭގެ ގާނޫނީ އަސާސީ އޮޅާލާ މަންޒަރު އަޅުގަނޑުމެންނަށް މި ފެންނަނީ. ފަސް މިނެޓު. ޕީއެންސީގެ ސުޕަރ މެޖޯރިޓީ އަކީ މި ގާނޫނުއަސާސީ އަށް އޮތް ހުތުރެއް. ދިވެހިރާއްޖޭގެ ރައްޔިތުންނަށް އޮތް ހުތުރެއް… ދިވެހިރާއްޖޭގެ މުޅި ނިޒާމު ފުނޑާލަމުން ދާއިރު ދިވެހިރާއްޖޭގައި ކަނޑައަޅާފައި އޮތް ޖަވާބުދާރީ ކުރުވަނިވި ނިޒާމު އެކީ އެކަށް ފުނޑާލަމުން ދާއިރު މިތާގައި މިތިއްބެވި ރައްޔިތުންގެ މަންދޫބުން މި ތިއްބެވީ ކަންފަތް ބީރުވެފައިތޯ، މަންމަނުވެފައިތޯ އަޅުގަނޑު ސުވާލުކޮށްލަން ބޭނުން. މި ޕީއެންސީގެ 20 ވަނަ މަޖިލީހުން އަޅުގަނޑު އިތުރު ކަމެއް އުންމީދެއް ވެސް ނުކުރަން. މި ނޫނީއާ ނުތިބޭނެ، އަމިއްލައަށް ފިޔަކޮށާލައިގެން ކޮށްޓެއްގެ ތެރެއަށް ވަދެތިބި ބައެއް… އަމިއްލައަށް އަމިއްލަ ފިޔަކޮށާލައިގެން ކޮށްޓެއްގެ ތެރެއަށް ވަދެ ކުޑަވެގެން ތިބި ބައެއް މިނޫނީ ނުތިބޭނެ… މިނޫނީ ނުތިބޭނެ! ގަމާރު މަޖިލީހެއް! ގަމާރު މަޖިލީހެއް! ގަމާރުންގެ މަޖިލީހެއް! ގަމާރުންގެ މަޖިލީހެއް މީ!
މަޖިލީހުގެ އިއްޔެގެ ކޮމިޓީގައި ބިލަށް އިތުރު ބަހުސެއް ކުރުމެއް ނެތި، ފާސްކުރުމުން އެކަމަށް ވެސް މީކާއިލް ވަނީ ފާޑުކިއުން އަމާޒު ކުރައްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ފަސް މިނެޓުން ގާނޫނުއަސާސީ ”ފުނޑާލި“ މަންޒަރު ބަލަން ޕީއެންސީގެ މެމްބަރުން ތިބީ އެއްވެސް ބިރެއް ނެތިކަމަށެވެ.
ޕީއެންސީގެ މެމްބަރުންނަށް އަމާޒު ކުރައްވައި މީކާއިލް ވިދާޅުވީ، މެމްބަރުން ތިބީ ”ކަންފަތް ބީރުވެ، މަންމަނުވެފައިތޯ“ ސުވާލު އުފެދޭ ކަމަށެވެ.
މީގެއިތުރުން މީކާއިލް ވިދާޅުވީ، 20 ވަނަ މަޖިލީހުގެ ޕީއެންސީގެ މެންބަރުންނަކީ ”އަމިއްލަ ފިޔަކޮށާލައިގެން ކޮށްޓަކަށް ވަދެ ތިބި“ ބައެއް ކަމަށެވެ. އަދި މިއީ ”ގަމާރުންގެ މަޖިލީހެއް“ ކަމަށް ވިދާޅުވެ އަޑުގަދަ ކުރެއްވި އެވެ.

