އެމްޑީޕީ ސިފަވަނީ ވަރަށް ބޮޑަށް ”ރުޅިގަދަވެ، ގޮތް ހުސްވެ“، ހާސްކަމެއްގެ ތެރޭގައި އޮތް ޕާޓީއެއްގެ ގޮތުގައިކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުން މިއަދުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ. ދައުރުން ބޭރުން ހުށަހެޅި މި އިސްލާހަކީ، ގާނޫނުއަސާސީގެ ރޫހާއި ހިލާފުވުންކަމަށް އެމްޑީޕީން ބުނެ އެވެ.
އިސްލާހުގެ ބަހުސް މަޖިލީހުގައި މިއަދު ފެށުމާއި އެކު އެމްޑީޕީގެ މެމްބަރުން ވަނީ، ޖަލްސާގައި އިހުތިޖާޖުކޮށް ސަރުކާރުން ބޭނުންވާ ވަކިވަކި ރޭވުންތަކަށް ފުރުސަތު ނުދޭނެކަމަށް ބުނެފަ އެވެ. އަދި ބައެއް މެމްބަރުންގެ ނަން އިއްވައި ވަނީ ތަޅުމުން ނެރެފަ އެވެ.
ކޮމިޓީގެ ރިޕޯޓަށް ފަލާހު ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަރުހަލާ ކުރިއަށްދާ ގޮތާ ބެހޭގޮތުން އެމްޑީޕީގެ މެންބަރުން ދައްކަވަނީ ދެކޮޅު ނުޖެހޭ ވާހަކަ ކަމަށެވެ. ގާނޫނުއަސާސީ އިސްލާހު ކުރުން ގާނޫނުއަސާސީގެ ރޫހާ ހިލާފުކަމަށް ބުނާ އެމްޑީޕީގެ މެމްބަރުނަކީ މަޖިލީހުގައި ތިބުމަށް ކުފޫ ހަމަވާ ބައެއް ނޫންކަން ރައްޔިތުންނަށް ސާފުވާކަމަށް މީކާއިލް ވިދާޅުވި އެވެ.
ފަލާހު ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުމަށް ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުން ވަރަށް ބޮޑަށް ތާއީދު ކުރެ އެވެ. މި އިސްލާހު ގެނައުމަށްޓަކައި ކޮމިޓީ މަރުހަލާގައި ފާއިތުވި ދޮޅުމަހެއްހާ ދުވަހު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، ފަސް ބައްދަލުވުމެއް ބާއްވައި ކަމާގުޅޭ ހުރިހާ މުއައްސަސާތަކެއްގެ އިތުރުން ސިޔާސީ ޕާޓީތަކަށް ވެސް މަޝްވަރާގެ ފުރުސަތު ދީފައިވާނެކަމަށް ފަލާހު ވިދާޅުވިއެވެ.
އެހެންވީމާ ހަގީގަތަށް ބަލާއިރު މިހާރު މި ފެނިގެން މިދަނީ އެމްޑީޕީ ވަރަށް ބޮޑަށް ފްރަސްޓްރޭޓްވެ، އަދި ހާސްކަމެއްގެ ތެރޭގައި އޮތްތަން… މިއީ ވަރަށް ހިތާމަހުރިކަމެއް… ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ އިދިކޮޅު ޕާޓީ މިހާ ނިކަމެތި ހާލަތެއްގައި ބެއްޓިގެންދާތަން ފެނުނީމާ ވަރަށް ބޮޑަށް ދެރަވެއްޖެ… އެހެންވީމާ އަޅުގަނޑު އުއްމީދު ކުރަނީ އެމްޑީޕީގައި ތިއްބެވި މިތާ މަޖިލީހުގައި މަސައްކަތް ކުރާ މެންބަރުންނަށް މި ގާނޫނުއަސާސީ ރަނގަޅަށް ބައްލަވައިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ މިކަންކަން ރަނގަޅަށް އޮޅުންފިލައިގެން މިތާގައި ބަހުސްކޮށް މި ތާނގެ އިހުލާސްތެރިކަމާއެކު މިކަންކަން ކުރިއަށް ގެންދާނެކަމަށް. އެހެން ނޫނީޔާ އަޅުގަނޑުމެންނަށް އެ ފެންނަނީ ރައްޔިތުންނަށް ނުބައި ނަމޫނާއެއްކަމަށް އަޅުގަނޑު ގަބޫލުކުރަން…
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއި އެކު އިދިކޮޅު މެމްބަރުން އަޑުގަދަކޮށް، ޖަލްސާ ކުރިޔަށް ގެންދިއުމަށް ހުރަސްއެޅުމުން އެކަމަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ އެމްޑީޕީ ފެންނަނީ ވަރަށް ބޮޑަށް ”ރުޅިގަދަވެ، ގޮތް ހުސްވެ“، ހާސްކަމެއްގެ ތެރޭގައި އޮތް ތަން ކަމަށެވެ. ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ މިފަދަ ނިކަމެތި ހާލަތެއްގައި އޮތުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، މެންބަރުން ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދު ރަނގަޅަށް އޮޅުންފިލުވައިގެން ބަހުސްގައި ބައިވެރިވުމަށް އެދޭކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަރުހަލާ ކުރިއަށްދަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި، މި ކަމުގައި ގޮތް ނިންމާނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންކަމަށް ފަލާހު ވިދާޅުވިއެވެ. އެގޮތުން ކޮމިޓީ މަރުހަލާގެ މަސައްކަތްތައް ނިމިފައިވާއިރު، މަޖިލީހުގެ އަޣުލަބިއްޔަތުން މި އިސްލާހު ފާސްވާނެކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

