ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި މިދިޔަ އަހަރު ދިވެހިރާއްޖޭގެ ސްކޯއަކަށް 39 ލިބިެއްޖެއެވެ.
މިކަމާއި ގުޅިގެން ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ޓްރާންސްޕޭރޭންސީއިން ބުނީ 2024 ވަނަ އަހަރު ސީޕިއައިގައި ރާއްޖެއަށް ލިބުނީ 100އަކުން 38 ކަމަށްވާއިރު، މިދިޔަ އަހަރު އެ އަދަދު ހުރީ 39 ގައެވެ. އެހެންވެ ރާއްޖެ މިހާރު ރޭންކު ކުރެވިފައިވަނީ ސީޕިއައިގައި މިދިޔަ އަހަރު ހިމެނުން 182 ގައުމުގެ ތެރެއިން 91 ވަނައިގައެވެ.
ޓްރާންސްޕޭރަންސީން ބުނީ ރާއްޖޭގެ ސީޕީއައިގެ ނަތީޖާ ކަންބޮޑުވާންޖެހޭ މިންވަރެއްގައި ހުރުމަކީ ދައުލަތުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ނާޒުކު ކަންތައްތަކެއް ހުރިކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. މީގެސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އާންމުން ކުރާ އިތުބާރު ގެއްލި އަދުލު އިންސާފާއި އަސާސީ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް އޮންނަ ފުރުސަތުތައް ހަނިވާ ކަމަށް އެ ޖަމިއްޔާއިން ގަބޫލުކުރެއެވެ.
މީގެސަބަބުން ގައުމުގެ ހިންގުމުގެ ދާއިރާއަށް އަންނަ ބަދަލުތަކާއި ގާނޫނީ އޮނިގަނޑަށް ގެނެވޭ އިސްލާހުތަކުގެ އިތުރުން، މުއައްސަސާތަކުން އަމަލުކުރާ އުސޫލުތަކުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ނިޒާމީ ބަލިކަށިކަން ދެނެގަތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ޓްރާންސްޕޭރަންސީން ވަނީ ފާހަގަކޮށްފައެވެ.
ޓްރާސްޕޭރެންސީން ބުނެފައިވަނީ މިދިޔަ 5 އަހަރުވެސް ރާއްޖޭގެ ސްކޯ ހުރީ 30 އާއި 40 އާއި ދެމެދު ކަމަށާއި މިކަމުން ދައުލަތުގެ ހިންގު އެންމެ ހަރުދަނާ ނޫންކަން އެނޣޭ ކަމަށެވެ. އަދި މިކަމުގައި ރައްޔިތުންގެ އިތުބާރު މުވައްސަސާތަކަށާއި އަދި ޝަރުއީ ނިޒާމަށްވެސް ކުޑަވެގެން ދާކަން ވަނީ ފާހަގަކޮށްފައެވެ.

