ދައުވާކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތުގެ ކުށެއް ނުވަތަ އިހްމާލެއްނެތި ނުނިމި ލަސްވާ މައްސަލަތައް ރިވިއުކުރުމަށް ހުށައެޅުމުގެ ފުރުސަތު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުޅުވާލައިފި އެވެ.
”ދައުވާކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތުގެ ކުށެއް ނުވަތަ އިހުމާލެއް ނެތި ނުނިމި ލަސްވާ މައްސަލަތައް ރިވިއުކުރުން“ ރިވިއު މެންޑޭޓުގެ ތެރެއަށް އިތުރުކޮށް ނެރެފައިވާކަން ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.
އެ ކަމާއި ގުޅޭގޮތުން ޕީޖީގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޝަރީއަތަށް މައްސަލަ ހުށައެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް، ނުވަތަ ބަންދުކޮށް، ނުވަތަ މި ނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނެ ހާލަތްތަކާއި ޝަރުތުތައް މުރާޖައާކުރުމާއި، މުތާލިއާ ކުރަމުން ގެންދިއުމާއި، އެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ބެލުމާއި، ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކާމެދު ދައުވާ އުފުލުމަށް ނުވަތަ ދައުވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖައާކޮށް، އެ ނިންމުމެއް ބަދަލު ކުރުމާއި، ކޮށްފައިވާ ދައުވާއެއް އަނބުރާ ގެންދިއުމަކީ ޕީޖީގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް ނުވަތަ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖައާކޮށް، އެ ނިންމުން ބަދަލުކޮށް، ކޮށްފައިވާ ދައުވާއެެއް ބަދަލުކުރަން ފެންނަނަމަ، އެކަން ކުރުމާއި، ޝަރީއަތަށް މައްސަލަ ހުށައެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށް މި ނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓިފައިވާތީ، އެކަން މުރާޖައާ ކުރަން ޖެހޭނަމަ އެކަން ކުރުމަށާއި، ޝަރީއަތަށް މައްސަލަ ހުށައެޅުމަށްފަހުގައިވެސް ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ މުރާޖައާކޮށް، މުތާލިއާ ކުރުމަށް ހަމަޖެހިފައިވާކަށެވެ.
އެފަދަ ފަރާތްތަކަށް ޕީޖީ އޮފީހުގެ ގޮފިތައް ގާއިމްކޮށްފައިވާ ރަށްރަށާއި، ޕޮލިސް ސާވިސްއާއި، ކަރެކްޝަނަލް ސާވިސްއިން އެކަމަށް އެދޭ ފޯމް ލިބެން ހުންނާނެ ކަމަށް ވަނީ ބުނެފައެވެ.

