ސައިންސްގެ ރޮނގުން، މުޅި ދުނިޔެއަށް ފައިދާކުރަނިވި މާހައުލެއް ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލަކީ އަންހެނުންނާއި އަންހެން ކުދިންގެ ހަމަހަމަ ބައިވެރިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ”އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް“ ނުވަތަ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖޭގެ ތަރައްޤީގެ ދަތުރު ބިނާވެފައިވަނީ ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށްކަމުގައި ވިދާޅުވިއެވެ. މޫސުމީ ބަދަލުތަކުން ރައްކާތެރިވުމާއި، އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ގޮންޖެހުންތަކުން އަރައިގަތުމުގައި އަންހެނުންގެ އިސްނެގުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސައިންސް، ޓެކްނޯލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް (ސްޓެމް)، އައި.ސީ.ޓީ އަދި މެރިން ސައިންސް ފަދަ ދާއިރާތަކަށް ދިވެހި އަންހެނުންގެ ޝައުޤުވެރިކަން އިތުރުވަމުންދާތީ އެކަމަށް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ.
ސައިންސްގެ ދާއިރާއިން އެންމެން ޝާމިލްވާ، ފާގަތި މުސްތަޤުބަލެއް ބިނާކުރުމުގެ ބިންގަލަކީ ފުރުޞަތުތައް ފަހިކޮށްދިނުންކަން ފާހަގަކުރައްވައި، މި ދާއިރާގައި ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ”މިކަމުގެ މަޤްޞަދަކީ، ސައިންސްގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ކޮންމެ ދިވެހި އަންހެން ކުއްޖަކަށްމެ، އެ ރޮނގުން ތަޢުލީމު އުނގެނި، ބާރުވެރިކުރުވައި، ކުރިއަށްދެވޭނެ މަގު ތަނަވަސްކޮށްދެއްވުން،“ ރައީސް ވިދާޅުވިއެވެ.
ދިރާސާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، ޑިޖިޓަލް ހުނަރުތައް ތަރައްޤީކުރުމަށް ސަރުކާރުން ދޭ އިސްކަމުގެ ތެރެއިން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ޒުވާން އަންހެނުންނަށް އައު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ޤައުމުގެ އީޖާދީ އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގައި އަންހެންކުދިންނަކީ އިސް ސަފުގައި ޙަރަކާތްތެރިވާ ބަޔަކަށް ހެދުމެވެ.
މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓުގައި، ސައިންސްގެ ދާއިރާއިން ކުރިއަށް ދިއުމުގައި ހުރި ޒަމާންވީ އިޖުތިމާޢީ ހުރަސްތައް ގިރާކުރައްވައި ކާމިޔާބީ ހޯއްދަވާފައިވާ އަންހެން ބޭފުޅުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވިއެވެ. ޚާއްޞަކޮށް ޞިއްޙީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ޤައުމުގެ ޢިލްމީ ޚަޒާނާ މުއްސަނދިކޮށް، ޤައުމު ތަރައްޤީކުރުމުގައި އެ ކަނބަލުން އަދާކުރައްވާ ދައުރަކީ އަގުނުކުރެވޭ ފަދަ މުހިންމު މަސައްކަތްތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

