މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ބެލުން އަންނަ ހަފްތާގެ އަންގާރަ ދުވަހު ކުރިއަށް ގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން އެ ޑިޕާޓްމަންޓުން ވަނީ ރަސްމީކޮށް އިއުލާނު ނެރެފައެވެ.
ޑީޖޭއޭ އިން ބުނި ގޮތުގައި ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލޭގައި ނަމަ ހެކިބަސް އަދާކުރަން ޖެހޭނީ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިމަތީގައެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި ހަނދު ފެނިގެން ހެކިބަސް އަދާކުރާނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ހެކިބަސް ދެވޭނެއެވެ. އަދި މެޖިސްޓްރޭޓެއް ޤާއިމުވެ ނެތް ރަށެއްގައިނަމަ، ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ އެވަގުތަކު އެރަށުގެ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ޙަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައެވެ.
ހަނދު ފެނިގެން އެ މަޢުލޫމާތު ހިއްސާކުރާއިރު، ހަނދު ހުރި އުސްމިނާއި، މިސްރާބު ފަދަ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ޑީޖޭއޭގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. މިކަމަށްޓަކައި މި މަހުގެ 17 ވާ އަންގާރަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން، ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ޑީޖޭއޭ އާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ އިތުރުން ކައުންސިލް އިދާރާތައް ހުޅުވާފައި ހުންނާނެއެވެ.
ރަމަޟާން މަހުގެ ހަނދާ ބެހޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރޭ ރަސްމީ ބަޔާން އިއްވުން އޮންނާނީ އަންގާރަ ދުވަހުގެ ރޭ ބާއްވާ ހަނދާ ބެހޭ ޚާއްޞަ ޖަލްސާގައެވެ.

