ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބު: މާލޭގެ މޭޔަރުކަމަށް އަފްޝަން، އަލްހާނާއި މުއިއްޒު!

ކައުންސިލް އިންތިހާބު: މާލޭގެ މޭޔަރުކަމަށް އަފްޝަން، އަލްހާނާއި މުއިއްޒު!
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މޭޔަރު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވާދަ ކުރައްވަން ނިންމަވައިފި އެވެ.

އަންނަ އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރުމަށް އެ ޕާޓީތަކުން ވަނީ ހުޅުވާލާފައެވެ. އިލެކްޝަންސް ކޮމިޝަނުން، ރަސްމީކޮށް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަދި ހުޅުވައެއް ނުލައެވެ.

އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި އީސީން ހާމަަކޮށްފައިވަނީ އޭޕްރިލް މަހުގެ 7 ވަނަ ދުވަހެވެ. އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާކަން މިހާތަނަށް އިއުލާނުކޮށްފައިވަނީ ތިން ބޭފުޅުންނެވެ. އެއީ މުއިއްޒު އާއި އަފްޝަން އަދި އަލްހާނެވެ.

މުއިއްޒު، އިންތިހާބަށް ނިކުންނަވަނީ ”މާލެ މުއިއްޒު ކުރަން“ ޝިއާރުގެ ދަށުންނެވެ. މިއީ މުއިއްޒު ވޭތުވެ ދިޔަ ހަތް އަހަރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ޒިންމާތައް ރަނގަޅު ގޮތުގައި އުފުލިފައި ނުވާކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ފާޑުކިއުންތަކަށް ބޭނުންކޮށް އުޅުނު ލަފްޒެކެވެ. މުއިއްޒު، މާލޭގެ މޭޔަރުކަމަށް ވާދަކުރުމަށް ނިންމާފައިވާކަން ހާމަކޮށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މުއިއްޒު ބޭނުންވަނީ މާލެއަށް ބޮޑު ބަދަލެއް ގެނައުމަށް ކަމަށެވެ. އަދި އެ ބަދަލު ގެނެވޭނީ ”މާލެ މުއިއްޒު“ ކޮށްގެންކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިނގައިދިޔަ ބައެއްކަންތަކަށް ފާޑުކިއުމަށް، ހާއްސަކޮށް މާލެއަށް ވާރެވެހި ފެންބޮޑުވުމުން އިދިކޮޅު ފަރާތްތަކުން ވަނީ ”މުއިއްޒު ވެފައި“ ކަމަށް ބުނެ މުއިއްޒުއަށް ފާޑުވިދާޅުވެފައެވެ.

ކައުންސިލްތައް ބާރުވެރި ކުރުވުމާއި، ލާމަރުކަޒީ ގާނޫނަށް ތައުރީފް ކުރައްވައި އަފްޝަން ވަނީ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފައެވެ. އަފްޝަންއަކީ މި އަހަރު ބޭއްވި މަޖިލީސް އިންތިހާބާއި ގުޅޭގޮތުން މީޑިއާތަކާއި އެންމެ ގާތްކޮށް އުޅުއްވި ފަރާތެވެ. އެގޮތުން، އިންތިހާބާއި ބެހޭ ކަންތަކުގެ ސްޕޯކްސްޕާސަންއެއްގެ ގޮތުގައި އޭރު މަސައްކަތް ކުރައްވާފައިވަނީ އަފްޝަންއެވެ.

https://twitter.com/AfshanLatheef/status/1206285121680109568

މޭޔަރުކަމަށް ވާދަކުރައްވާކަން އިއުލާނު ކުރައްވައި އަފްޝަން ވިދާޅުވީ، އުއްމީދަކީ މާލޭ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިތްފަސޭހަ ކަމާއި ހިތްހަމަޖެހުމާއި ރައްކާތެރިކަމާ އެކު ދިރިއުޅެވޭނެ މާހައުލެއް ޔަގީންކޮށްދީ ޖަޒީރާ ރާއްޖެ އާއި އެޖެންޑާ 19ގެ ސިޔާސަތުގެ ތެރެއިން ދުރު ރާސްތާ އަށް އަމާޒުކޮށް ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރުން ކަމަށެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ، އަދި އެމްޑީޕީގެ ނައިބް ރައީސް ކަމުގެ މަގާމް ވެސް އަދާކުރެއްވި އަލްހާން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާކަން އިއުލާނު ކުރެއްވީ މިއަދުގެ ވަގުތެއްގައެވެ. އަލްހާން ވަނީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށް ވެސް ވާދަކުރައްވާފައެވެ. އެހެން ނަމަވެސް، އޭނާއަށް އެ ގޮނޑި ނާކާމިޔާބުވީއެވެ.

https://twitter.com/AlhanFahmy/status/1206363631903838208

ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއްވެފައިވާ އަލްހާން، ވަނީ މާލޭގެ މޭޔަރުކަމަށް އައުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ހާމަކުރައްވާފައެވެ.

ވޭރިކަން ކުރާ ކޯލިޝަންގައި ހިމެނޭ، މާލޭގެ މިހާރުގެ މޭޔަރު ސިފާ މުހައްމަދު ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވާފައެވެ. އޭގެ އިތުރުން، އޭނާއަކީ ގިނަ ދުވަސްތަކެއް ވަންދެން ތައުލީމީ ދާއިރާއާއި ޕްރިންސިޕަލްކަން ވެސް އަދާކުރައްވާފައެވެ. ކައުންސިލް މެންބަރުންގެ މެދުގައި ފަހަކަށް އައިސް ވަރަށް ބޮޑަށް ހިޔާލުތަފާތުވެ ބައެއް މެމްބަރުން ސިފާއަށް ފާޑުކިޔަމުން އަންނައިރު ސިފާ ރަސްމީކޮށް މޭޔަރުކަމަށް ވާދަކުރައްވާކަން އިއުލާނު ކުރައްވާފައި ނުވެއެވެ.

މާލީ ބާރުވެރިކަމާއި، އަދި އެކަށީގެންވާ މުވައްޒަފުން ނެތުމުގެ ސަބަބުން ސިޓީ ކައުންސިލްގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުކުރެވޭކަމަށް ސިފާ ވިދާޅުވެއެވެ. އަދި އެކަމުގައި އޭނާގެ އެންމެ ބޮޑު ފާޑުކިޔުން އަމާޒުވަނީ މުއިއްޒުއަށެވެ. އެއީ، މިދިޔަ ސަރުކާރުގައި ކައުންސިލްގެ ބާރުތައް ނަގާފައި ވުމުންނެވެ. އަދި މުއިއްޒު ވެސް ވަރަށް ބޮޑަށް ސިޓީ ކައުންސިލްއަށް ފާޑުވިދާޅުވެފައިވާތީއެވެ.

ރަސްމީކޮށް، މާލޭގެ މޭޔަރުކަމަށް ވާދަކުރާނެކަން ސިފާ ހާމަނުކުރިނަމަވެސް، މީގެ ކުރިން އޭނާ ނުރަސްމީ ސިފައެއްގައި އެފަދަ ވާހަކައެއް ދައްކަވާފައި ވެއެވެ. އެގޮތުން، ސިފާ ވަނީ މާލޭގެ ތަރައްގީއަށް ގިނަ މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެ މަސައްކަތް ކުރެވޭނީ އިތުރު ދައުރެއް ދީގެން ކަމަށް ވިދާޅުވެފައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެކު ކުރިއަށް އޮތް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިޚާބު ކުރަން ޖެހޭނެ އެވެ. މި އިންތިޚާބުގައި ސިޓީތަކުގެ މޭޔަރުން އިންތިހާބުކުރާނީ ރައްޔިތުންގެ ވޯޓުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: