ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ދޭ ރޯދަ ހަދިޔާ، ގްރޭޓަރ މާލެ ސަރަޙައްދުގައި ދޫކުރުމުގެ މަސައްކަތް ރަސްމީކޮށް ނިންމާލައިފިއެވެ.
އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގްރޭޓަރ މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅުކޭސް ދޫކުރުމުގެ މައިގަނޑު މަސައްކަތްތައް މިހާރު ވަނީ ނިމުމަކަށް އައިސްފައިވާ ކަމަށެވެ. މި މަސައްކަތަކީ ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އެކި ސަބަބުތަކާހުރެ މިހާތަނަށް ރޯދަ ހަދިޔާ ނުނަންގަވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން މުލަ ރޯދަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ މަރުކަޒުން ރޭގަނޑު 8:30 އިން 11:00 އަށް މަސްދަޅުކޭސް ދޫކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ފަށާފައިވަނީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މި މަސައްކަތް ނިމުމަކަށް އައުމާ ގުޅިގެން ވަޒީރު ވަނީ ރޯދަ ހަދިޔާ ބެހުމުގެ އަމަލީ މަސައްކަތުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުން ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވަނަ ދުވަހެވެ. ސަރުކާރުން އަންނަނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

