ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޙާބު ކާމިޔާބު ކުރުމަކީ ޕީއެންސީގެ ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ދަތުރުކުރުމަށް އޮތް ވަރަށް ފުޅާ މަގެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން މާފަންނު މެދު ދާއިރާއަށް ވާދަ ކުރާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ދިވެހިރާއްޖެ ސަލާމަތް ކުރުމަށްޓަކައިވެސް ކުރިއަށްއޮތް އިންތިޙާބު ކާމިޔާބުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ރާއްޖެއިން މިއަދު ފެންނަމުންދާ ސުލްހަވެރިކަމާއި އެއްބައިވަންތަކަމަކީ އެމަނިކުފާނުގެ މިންނެތް މަސައްކަތްޕުޅުކަން ފާހަގަކުރައްވައި، ޝަހީމް ވިދާޅުވީ
”ރައީސް ޑރ. މުއިއްޒު ވަނީ އަޅުގަނޑުމެންގެ އިޖްތިމާއީ ފޭރާން އަލުން ވިޔުއްވާފައި“ ކަމަށެވެ. އަދި ޒުވާން ޖީލު ނުރަނގަޅު ކަންތައްތަކުން ސަލާމަތްކޮށް، ޒުވާނުންނަށް ރަނގަޅު ގޮތްތައް ހޯއްދަވައިދެއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތަކަށް ވަޒީރު ތައުރީފު ކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އަސްކަރިއްޔާއިން ކުރިއަށްގެންދާ ވަތަނީ ޒުވާނުން ބިނާކުރުމުގެ މަޝްރޫއާއި، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޒުވާން ހަތީބުންނާއި ޒުވާން ހާފިޒުން ބިނާކުރުމުގެ މަސައްކަތްތަކަކީ ރާއްޖެ އާ ފަތިހަކަށް އަލިވިލެމުންދާކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.
މި ހުރިހާ މަސައްކަތްތަކެއް ދެމެހެއްޓޭނީ ޕީއެންސީގެ ސަފުތައް އެއްބައިވަންތަކަމާއެކު މަސައްކަތް ކޮށްގެންކަން ފާހަގަކުރައްވައި، އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމަށް ވަޒީރު ގޮވާލެއްވިއެވެ. އަދި ގައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ބުރަ މަސައްކަތްޕުޅުގައި ހުރިހާ ރައްޔިތުން އަތުގުޅާލައިގެން ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވެ ވަޒީރު ޝަހީމް ވާހަކަފުޅު ނިންމަވާލެއްވިއެވެ.

