ކައުންސިލްތަކުގެ އަދަދުގެ މަދުކުރުމަކީ ޖޭޕީން މަރުހަބާ ކިޔާކަމެއް ކަމަށާއި ޕީއެންސީއަށް ވޯޓު ދޭންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ގައުމުގެ ތަރައްގީއަށް ވާންވީ ކިހިނެތްތޯ އަދި އިގްތިސޯދު ހަމަޖެހޭނެ ގޮތާއި ގައުމަށް ކުރިއެރުން ލިބޭނެ ގޮތާއި އެގޮތްތައް އެނގެން އޮތީ ކިހިނެތް ކަމާއިމެދު މަޝްވަރާކޮށް ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. ގާސިމް ވިދާޅުވީ އެއްވެސް ތަނެއްގައި ކަމެއް ކުރިއަރައިގެން ދާނަމަ، އެކަމެއް ކުރި އަރައިގެން ދާނީ އެބައެއްގެ ހުރި ގާބިލް ކަމާއި ކެރުފޯރުންތެރިކަމުގެ ސަބަބުން ކަމަށެވެ.
ގާސިމް ވިދާޅުވީ ޑިމޮކްރަސީއަކީ ކިތަންމެ ރަނގަޅުކަމެއް ކަމަށް ވިޔަސް، އެކަން މިނަށްވުރެ ބޮޑަށް ހުޅުވާލެވިއްޖެނަމަ އެކަން ދާނީ ހަލާކުވެގެން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެހެންކަމުން ޑިމޮކްރަސީއެއް ކުރިއަރައި ތަރައްގީ ވެގެންދާއިރު، ގައުމެއް ތަރައްގީވެގެންދާނެ ގޮތާއި، އަމިއްލަ ފަރުދުންނާއި ގައުމުގ ެއިސްތިގުލާލު އެހެން ބަޔެއްގެ މައްޗަށް ފުރޮޅިގެން ނުދާނޭ ގޮތަށް ކަންކަން ރާވަން ޖެހޭ ކަމަށެވެ.
”އެކަންކަން ކުރާނީ ގާނޫނުއަސާސީއާއި ގާނޫނުތަކުން ކަނޑައަޅައި ބަޔަކު. އެބައެއްގެ ބުރަކަށީގައި އެވަރު ނެތީވިއްޔާ، ތެދެވެރިކަމާއި އަމާނާތްތެރިކަން ނެތީ ވިއްޔާ، އިންސާނިއްޔަތު ކަމާއި އަދުލުވެރިކަން ނެތީވިއްޔާ އަދި ކަންކަން ކުރުމުގައި ގާބިލްކަމާއި ހުނަރުވެރިކަން ނެތީވިއްޔާ ނުވާނެ އެކަންކަމެއް އިނގޭތޯ“
2008 ވަނަ އަހަރު ޑިމްކޮރަސީ ފެށުނީއްސުރެ މިއަދާއި ހަމައަށް އައިއިރު މި ގައުމު މި ދެކެނީ ކޮންމެ އިންތިހާބަކަށްފަހު އަނެއް އިންތިހާބެއް ބަދަލުވަމުން އަންނަ ސިލްސިލާކަމެއްގެ ގޮތުގައި ކަމަށް ގާސިލް ސިފަކުރެއްވިއެވެ. އެހެންނަމަވެސް ކުރިއަށް އެޅޭ ފިޔަވަޅުތަކަށް ވުރެ ބޮޑަށް ފަހަތައް އެޅޭ ފިޔަވަޅުތައް ބޮޑު ވަމުންދާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އަމާންކަން ބިރުވެރިކަމަށް ބަދަލުވާ ކަމަށެވެ. ކޮންމެ އިންތިހާބެއް ބަދަލުވަނީ ނިލަމަކަށް ކަމަށާއި، އެހެންކަމުން މިފަހަރުގެ އިންތިހާބުގައި ޖޭޕީން ވާދަނުކުރަން ނިންމީ އެސަބަބުތަކާއި އެކުގައި ކަމަށެވެ. ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ވާހަކަ ފާހަގަކުރައްވާ، ގާސިމް ވިދާޅުވީ މިހާރު އެ ގާނޫނަށްވެސް 15 އިސްލާހު ހުށައަޅައިފި ކަމަށާއި، އަދިވެސް އިސްލާހުތައް ހުށައަޅަނީ ކަމަށެވެ.
އެކަމަށް އަދިވެސް ބަދަލެއް ނާންނަ ކަމަށާއި، ކައުންސިލްގެ އަދަދުތައްވެސް އެކިފަހަރުމަތިން އެކި ގޮތްގޮތަށް ބަދަލުކޮށްފައިވާ ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ. މީގެއިތުރަށް ޖީއެމްއާރުގެ ވާހަކައާއި އަދި ގައުމުގެ މުދާތައް ވިއްކުމާއި އެފަދަ ކަންކަމަށްވެސް ގާސިމް ވަނީ ވާހަކަފުޅުދައްކަވާފައިވެއެވެ.

