ޕީއެންސީގެ ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރ އިބްރާހިމް ޝުޖާއު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ސަރުކާރާ ދެކޮޅަށް ކުރެއްވި ތުހުމަތުތަކަށް ރައްދެއް ދެއްވައިފިއެވެ.
ފައްޔާޒް ވަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައި، ވޯޓު ކަށަވަރު ކުރުމަށްޓަކައި އެމީހުން ތިބި ރަށްތައް ނޫން އެހެން ރަށްރަށަށް ރީ-ރަޖިސްޓްރީ ކުރަން މަޖުބޫރު ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، 2020 ވަނަ އަހަރު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން 2021 އަށް ފަސްކޮށް، އެ މުއްދަތުގެ ތެރޭގައި އޭރުގެ އިދިކޮޅު ކެނޑިޑޭޓުންނަށް އެމްޑީޕީން ބިރުދައްކާފައިވާ ކަމަށެވެ. އަދި އެމްޑީޕީން އޭރު މަސައްކަތް ކުރީ ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް މަޖުބޫރުކޮށް، އިންތިހާބަށް ހުރަސްތައް ކުރިމަތިކުރުވަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ވޯޓު ދޭން ތިއްބެވި ރައްޔިތުންނަށް ތަފާތު އުނދަގޫތައް ޖައްސައި، ވޯޓުލާންޖެހޭ ތަން ބަދަލުކުރުމަށް ހުށަހެޅުންތައް ހުށަހެޅީ ވެސް ހަމަ އެމްޑީޕީން ކަމަށެވެ.
”2020 ވަނަ އަހަރު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިޚާބް ޤާނޫނު ހަދާ މަޖިލީހުގެ ސްޕަރ މެޖޯރިޓީ ބޭނުންކޮށް 2021 ވަނަ އަހަރަށް ފަސްކޮށް، އެމުއްދަތުގެ ތެރޭގައި އަޅުގަނޑުމެންގެ ޕާޓީން ވާދަކުރާ ކެނޑިޑޭޓުންނަށް ބިރުދައްކައި، ނަން ނަގުވައި، އަޅުގަނޑުމެންގެ ކެނޑިޑޭޓުންނަށް ތަފާތު ހުރަސްތައް ކުރިމަތި ކުރުވައި، ވޯޓް ދޭން ތިއްބެވި ރައްޔިތުންނަށް ތަފާތު އުނދަގޫތައް ޖައްސައި، ވޯޓް ލާންޖެހޭތަން ބަދަލު ކުރުމަށް ހުށައެޅުންތައް ހުށައެޅި މީހުންނަށް ހީވާނީ ތިފަދަ ގޮތަކަށް،“ ޝުޖާއު ވިދާޅުވިއެވެ.
އެމްޑީޕީ ބަލިކުރަން އުޅެނީ އޮޅުވާލައިގެން ނުވަތަ މަކަރު ހަދައިގެން ނޫންކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ތެދު ހާމަކޮށްގެން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ހާމަކޮށްގެން ރައްޔިތުންގެ އިތުބާރު ހޯދުމަކީ މި ސަރުކާރުގެ އަމާޒު ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދުވަސްވަރަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ސިޔާސީ މަސްރަހު ހޫނުވެފައިވާ ދުވަސްވަރަކަށް ވާއިރު، ދެ ފަރާތުން ވެސް އަންނަނީ އިންތިހާބުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައި ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.

