ހަވާލުކުރެވިފައިވާ ހުރިހާ ރަށެއްގެ ނަރުދަމާގެ މަސައްކަތް މިއަހަރު ނިންމާލާނެ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އެމްޑަބްލިޔުއެސްސީގެ މަސައްކަތްތަކާއި ގުޅިގެން މަތީން ވިދާޅުވީ ފެނާއި ނަރުދަމާގެ 27 މައްސަލައެއް ކުރިއަށް ގެންދާ ކަމަށެވެ. ގިނަ މަޝްރޫއުތަކަކީ ފަށާފައި ހުއްޓިފައި ހުރި ގިނަ މަޝްރޫއުތައްކަމަށް މަތީން ފާގަަކުރެއްވިއެވެ. މައިގަނޑު ގޮތެއްގައި އޭރު މަޝްރޫއުތައް ހުއްޓެން ދިމާވި ސަބަބެއްގެ ކަމަށް މަތީން ފާހަގަކުރެއްވީ، ފައިސާގެ ދަތިިކަމާއި އަދި މަޝްރޫއުތައް ހިންގުމަކީ ފަންނުވެރިކަމަކަށް ވާއިރު އެކަންކަމަށް ރިއާޔަތް ނުކުރެވި ފެށުން ކަމަށެވެ. އަދި އެކަންކަން ނުވެ އޮތީ ސިޔާސީ ބޭނުމެއްގައި އެކަންކަން ކުރަން އުޅެގެން ކަމަށް މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ ތަރައްގީގެ މަސައްކަތާއި ސިޔާސީ ކަންކަމާއި ކޮންމެވެސް ވަރަކަށް ދުރުކޮށްފައި އޮންނާން ޖެހޭ ކަމަށެވެ. އެއީ މަޝްރޫއތައް ކުރިއަށް ގެންދިއުމަށް ފައިސާ ބޭނުންވާ ކަމަށާއި، އަދި އެކަންކަމަކީ ފަންނުވެރިކަމާއި ގުޅިފައި އޮންނަ ކަންކަމަށް ވަތީ އާއި ހާއްސަ ގޮތއްގައި ގައުމުގެ އިގްތިސޯދާއި މިފަދަ ކަންކަމަށް މީގެން އަސަރު ކުރާނެ ތީ ކަމަށްވެސް މަތީން ފާހަގަކުރެއްވިއެވެ.
”ރައީސް ވަރަށް މަސައްކަތް ކުރައްވައިގެން ހުއްޓިފައި ހުރި މަޝްރޫއުތައް ފެއްޓެވުމަށް އެކި މަސައްކަތުގެ ތެރެއިން އިރާދަކުރެއްވީތީ އަޅުގަނޑުމެން މިހާރު އެމްޑަބްލިޔުއެސްސީއާއި ހަވާލުކުރެވފައިވާ ރަށްރަތައް ކުރިއަށް މި ގެންދަނީ. އިރާދަކުރެއްވިއްޔާއި ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންނަށް ހަވާލުކުރެވިފައިވާ ހުރިހާ ރަށްތަކެއްގެ ތެރެއިންވެސް އެރަށްތަކުގެ ނަރުދަމާ މިއަހަރުގެ ތެރޭގައި ނިންމުން“
މަތީން ވިދާޅުވީ މި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތައް ދިމާވާ ކަމަށާއި އޭގެ މައިގަނޑު ސަބަބުތައް ގުޅިފައި އޮތީ ދައުލަތުގެ ހަރަދުތަކާއި ކަމަށެވެ. މަތީން ވިދަޅުވީ މަސައްކަތްތައް ކުރިއަށް ދާގޮތް ވަރަށް ރަނގަޅަށް، އަދި ވަރަށް ގާތުން ރައީސް ބައްލަވާ ކަމަށެވެ. އަދި ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް އެންމެ ގާތުން މަސައްކަތް ކުރައްވާ ފަރަތަކީ ރައިސް ކަމަށްވެސް މަތިީން ވދާޅުވިއެވެ.
މީގެއިތުރަށް މަތީން ވިދާޅުވީ ބޭނުންވާ ދުވެލި ނުގެނެވޭ ކަމަށާއި އެކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. މި ދަރަނީގެ ތާށިކަމުގައި އުޅޭއިރު އެކަން އެހެން ދިމާވި ނަމަވެސް މި މަޝްރޫއުތައް ފަށާފައި އޮއްވާ ދޫކޮށްލުމަކީ މިއީ އެއްވެސް ގޮތަކަށް އެދެވޭ ގޮތެއް ނޫން ކަމަށާއި، އެކަންކަން އެހެންދާ ނަމަ ވާނީ ގެއްލުން ކަމަށް މަތީން ވިދާޅުވިއެވެ. މަތީން ވިދާޅުވީ ރަށްރަށުން މީހުން ދިރިއުޅުން ބަދަލުވާ ކަމުގެ ވާހަކަ ދެކެވުނަސް އެރަށްރަށުގައި އަދިވެސް މީހުން ދިރިއުޅެމުން ދާ ކަމަށާއި، އަދި އެ ރަށްރަށުގައި ރައްޔިތުން އުޅޭހާ ހިނދަކު އަސާސީ ހިދުމަތްތައް ހުންނަން ޖެހޭނެ ކަމަށެވެ.

