ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުނަރުވެރި ކުދިންގެ ހައްގުތަކަށް އަރައިގަތުމަކީ ސިޔާސީ މިނިވަންކަމެއް ނޫން: އާރިފް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު ޢަލީ ޢާރިފް/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތަކާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒަށް ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކަކީ ސިޔާސީ މިނިވަންކަމެއް ނޫންކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދަޅުވެއްޖެ އެވެ.

ސްޕޯޓްސް މިނިސްޓްރީން ކޮންމެ އަހަރަކު ބާއްވާ ކުޅިވަރު އެވޯޑްގެ ”އަހަރުގެ ޒުވާން ކުޅުންތެރިޔާ“ (ފިރިހެން) ކެޓަގަރީއަށް އުމައިރު ނޮމިނޭޓްވެފައި ވަނީ ޓޭބަލް ޓެނިސް (ޓީޓީ) އެސޯސިއޭޝަންގެ ފަރާތުންނެވެ. މި ކެޓަގަރީއަށް ޖުމްލަ ފަސް ކުޅުންތެރިން ނޮމިނޭޓްވެފައިވާއިރު، އުމައިރު ހިމެނުމުން އެކަމަށް ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔަމުންނެވެ. އަދި އުމެއިރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، ސިޔާސީ ގޮތުން ރައީސް މުއިއްޒަށް ވެސް ދަނީ ފާޑުކިޔަމުންނެވެ.

މިކަމާ ގުޅިގެން އާރިފް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އުމައިރު އެވޯޑަށް ނޮމިނޭޓްވުމުގެ ކުށަކަށްވީ ވަކި ބޭފުޅެއްގެ ކުއްޖަކަށް ވުންތޯ ސުވާލު ކުރައްވާފަ އެވެ. އާރިފް ފާހަގަކުރެއްވި ގޮތުގައި އެ ކެޓަގަރީއަށް ނޮމިނޭޓްވި އަނެއް ހަތަރު ކުދިންގެ ތެރޭގައި ވެސް ސިޔާސީ ބޭފުޅުންގެ ކުދިން އެބަތިއްބެވެ. އަދި ވިދާޅުވީ އެ ކުދިން ނޮމިނޭޓްވީ އުމައިރު ފަދައިން ހުނަރުވެރިވުމުންކަމަށެވެ.

އާރިފް ވަނީ އުމެއިރުގެ ނޮމިނޭޝަނާއި ގުޅުވައި ބައެއް މީޑިއާތަކުން ހަބަރުތައް ގެނެސްދީފައިވާ ގޮތާއި ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށް، އެއީ މިނިވަން ނޫސްވެރިކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ. އަދި އެ އުމުރުގެ ކުއްޖަކާއި ގުޅުވައި، ފާޑުކިޔައި ޕޯސްޓުތައް ލިޔަމުން ދިއުމަކީ ސިޔާސީ މިނިވަންކަމެއް ނޫންކަމަށް ވެސް އާރިފް ވިދާޅުވި އެވެ.

އާރިފްގެ ޕޯސްޓުގައި، ކުރީގެ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް މިކަމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގެ ސްކްރީންޝޮޓް ވެސް ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން މަހުލޫފް ވެސް ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވީ އުމައިރަކީ ޓީޓީން ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ރަން ވަނަތަކެއް ހޯދާފައިވާ ވަރަށް މޮޅު، ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ.

މަހުލޫފް ވިދާޅުވީ ސްޕޯޓްސް އެވޯޑަށް އުމެއިރު ނޮމިނޭޓު ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވާތީ ނޫން ކަމަށެވެ. އެއީ އެންމެ ކުޑައިރުން ފެށިގެން ކުރާ މަސައްކަތުން ލިބުނު ކާމިޔާބީއެއްކަމަށާއި، ނޮމިނޭޓުވެފައި ވަނީ 2024 ވަނަ އަހަރު ހޯދި ކާމިޔާބީއަށްކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އުމައިރަކީ އެމްޑީޕީގެ ވެރިކަމުގައި ”އަރުތަ“ ޕްރޮގްރާމުގައި ވެސް ހިމެނުނު އެތުލީޓެކެވެ. އެހެންކަމުން، ހަގީގަތް ނުބަލައި ކުދިންގެ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީކުރުން ހުއްޓާލަންޖެހޭކަމަށް ވިދާޅުވިއެވެ.

ސިޔާސީ ގޮތުން އެކި ފަރާތްތަކުން އުމައިރުއަށް ފާޑުކިޔަމުންދިޔަ ނަމަވެސް، ކުޅިވަރުގެ ދާއިރާގެ ފަރާތްތަކުން ވަނީ އުމައިރުގެ ދިފާއުގައި ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: