ޖަޕާނުން ރާއްޖެއަށް، 4.5 މިލިއަން ޔޫއެސް ޑޮލަރުގެ ތަކެތި ފޯރުކޮށްދީފިއެވެ.
އެކަމާއި ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާ ވިދާޅުވީ އެ އެހީ ދިނުމަށް ނިންމެވީ ރާއްޖެގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އޮކްޓޯބަރު މަހު ޖަޕާނަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކަމަށެވެ.
އަދި އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކާ ރައީސް ސާލިހު އާއި ޖަޕާންގެ ބޮޑު ވަޒީރު ޝިންޒޯ އަބޭއާއި ދެމެދު ވާހަކަ ދެކެވުނުކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެހެންމެ ކުރިއަށް އޮތްތަނުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްތައް ކުރާނެ ކަމަށާ، ޚާއްސަކޮށް ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރައްވާނެ ކަން އޭނާ ހާމަކުރެއްވިއެވެ.
އުފަލާއި އެކު ފާހަގަކޮށްލަން ބޭނުންވަނީ މީގައި ހިމެނޭނެ ތަކެތި އިއްޔެ ނިންމާފައިވާކަން. އޭގައި 13 އައިޓަމެއް އެބަ ހިމެނޭ. އޭގެ ތެރޭގައި ބައިނަލްޢަޤުވާމީ އަދި އެތެރޭގެ އުދުހުންތަކަށް ބޭނުން ކުރާ އެއަރޕޯޓްތަކަށް ކުރިއެރުން ގެނެސްދޭނެ ތަކެތި ހިމެނޭ. އޭގެ ތެރޭގައި ލިކުއިޑް ސްކޭނަރތަކާއި، މޮބައިލް އެކްރޭ ސްކެނަރސް އާއި މެޓަލް ޑިޓެކްޓަރ އާއި، އެކިވައްތަރުގެ ކެމެރާއާއި، ހޭންޑް ރޭޑިއޯގެ އިތުރުން 44 ވެހިކަލް އެއް ހިމެނޭ. މިތަކެތީގެ ބޭނުން ޓެރަރިޒަމް އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ހިފޭނެ ކަމަށް އުއްމީދުކުރަން“

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް މިއަހަރުގެ އޮކްޓޯބަރު މަހު ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާއި ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ދިވެހިރާއްޖެއަށް ޖަޕާނުން ހަދިޔާކުރާ ތަކެތީގެ ލިސްޓް ހަވާލު ކުރީ މިއަދެވެ.
މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި އޮތް ރަސްމިއްޔާތެއްގައި މިލިސްޓް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ޙަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.
ދިވެހިސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ސޮއެކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާއީ ތަރައްޤީއަށް 500 މިލިއަން ޖަޕަނީޒް ޔެންގެ ހިލޭ އެހީ ޖަޕާނުން ދިވެހިރާއްޖެއަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއެހީގެ ދަށުން ޖަޕާނުން ހަދިޔާކުރުމަށް ނިންމާފައިވަނީ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ވަޞީލަތްތަކާއި، ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާ ބައެއް ވަޞީލަތްތަކެވެ.
ޖަޕާނަކީ އަބަދުވެސް ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާ ތަރައްޤީކުރުމަށް އެހީތެރިވެދޭ، ތަރައްޤީގެ މުހިއްމު ބައިވެރިއެއް ކަން ފޮރިން މިނިސްޓްރީން ފާހަގަކުރައްވައެވެ.
ފޮރިން މިނިސްޓްރީގައި މިއަދު އޮތް މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާއި މާލޭގައި ހުންނަ ޖަޕާން އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

