އިސްލާމްދީނުގެ ނަމުގައި ޓެރަރިޒަމާއި ޖިނާއީ އަމަލުތަކަށް ހިތްވަރު ދިނުމާއި ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ދީނީ އިލްމުވެރިން ތެދުވާންޖެހޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ހަރުކަށި ފިކުރާއި ގުޅޭގޮތުން، އިސްލާމިކް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދީނީ ނަސޭހަތް ދިނުމާއި ދީނީ ޝިއާރު ފާޅުކުރުމުގައި އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން މުޖްތަމައުގެ އާއްމު މަސްލަހަތަށް އިސްކަންދީ، ލާއިންސާނީ ދަށު ދަރައިޖެ އަމަލުތަށް ހުއްޓުވާ ޓެރަރިޒަމަށް ހިއްވަރުދޭފަދަ ކަންކަން ހުއްޓުވުމަށް އިލްމުވެރިންނަށް ގޮވާލާ ކަމަށެވެ.
ހަރުކަށި ފިކުރާއި ދެކޮޅަށް ތެދުވުމަށާއި، ދީނުގެ ސައްހަ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް އިލްމުވެރިންނަށް އިލްތިމާސްކޮށް އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ އިސްލާމީ އަގީދާ އޮޅުން ފިލުވުމުގައި އަބަދުވެސް ރައްޔިތުން ބުރަވާނީ އިލްމުވެރިންގެ ބަސްފުޅުތަކަށް ކަމަށެވެ. އެހެން ކަމުން، އަބަދުވެސް ސައްހަ މައުލޫމާތު ފެތުރުމަށް އިލްމުވެރިން ކުރާ މަސައްކަތްތަކަށް މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ދޭނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
ދީނީ ގޮތުން ދެކެވޭ ވާހަކަތަށް ދީނީ ގޮތުން އިތުބާރު ހިފޭ އިލްމުވެރިންގެ ކިބައިން އޮޅުން ފިލުވުމަށް އާއްމު ރައްޔިތުންނަށް އިލްތިމާސްކޮށް އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ ހަގީގަތް ނޭނގޭ ވަސީލަތްތަކަށް ބުރަނުވުމަށް އެދޭކަމަށެވެ.
މުޖްތަމައުގެ އާންމު މަސްލަހަތަށްޓަކައި ހެދިފައި ހުންނަ ގާނޫނުތަކަށް ބޯލަނބަން ޖެހޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި އާންމު ތައުލީމާއި ސިއްހީ ވަސީލަތްތަކުން ކުޑަކުދިން މަހްރޫމް ކުރުމާއި ގާނޫނާ ޚިލާފަށް ކައިވެނި ކުރުމުގެ އިތުރުން މުސްލިމުންގެ ލޭ ހުއްދަ ކުރުން ފަދަ ކަންކަމަކީ އިސްލާމްދީނުގެ ނަމުގައި އެއްވެސް ގޮތަކަށް ފަތުރައިގެން ވާނެ ފިކުރުތަކެއް ނޫންކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ބަޔާނުގައި ބުނެފައިވަނީ ހަރުކަށި ވިސްނުން ފެތުރުމުގެ ސަބަބުން، ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިއްވަރު ލިބި އިސްލާމްދީނުގެ ނަން ކިލަނބުކުރުމަށް ްއެއްވެސް ފުރުސަތެއް ދެވިގެން ނުވާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން އެގޮތަށް ބަޔާން ނެރުނީ ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ގުޅިގެން ރ. މަޑުއްވަރީގައި ޚާއްސަ އޮޕަރޭޝަނެއް ފަށައި، ބައެއް މީހުން ހައްޔަރުކޮށްފައި ވަނިކޮށެވެ. އަދި ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ފަތުރަމުން ދިޔަ ތިން އިލްމުވެރިއެއްގެ މައްސަލަ ތަހުގީގު ކުރަމުންދާތީ، އިސްލާމިކް މިނިސްޓްރީން ވަނީ އެ ތިން އިލްމުވެރިން ވެސް ސަސްޕެންޑުކޮށްފައެވެ.
ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތުކޮށް، އިސްލާމިކް މިނިސްޓްރީއިން ބަޔާން ނެރެފައިމިވަނީ ހަރުކަށި ފިކުރާއި ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންދާކަން ސަރުކާރުން ހާމަކޮށްފައި ވަނިކޮށެވެ.
އެގޮތުން ދާދި ފަހުން ފެންމަތިވެގެން އައި އެއް މައްސަލައަކީ ރާއްޖޭގައި ހައްދުފަހަނަޅާފައިވާ ފިކުރު ވަރަށް ބޮޑަށް ފެތުރިފައ ވާކަމަށާއި އެމީހުންގެ ވިސްނުން ހުރީ މީހުންނަށް ގެއްލުން ދިނުމަށް ކަމަށް ސަލާމަތީބާރުތަކުން ހާމަކުރުމާއި ގުޅިގެންނެވެ. އަދި މީގެ ދެ އަހަރު ކުރިން ވައިގެ މަގުންން އުޅުނު ހަމަލާއެއް ކަމާއިބެހޭ އިދާރާތްތަކުން ނާކާމިޔާބު ކޮށްފައި ވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ހާމަކުރި މައުލޫމާތުތަކުން ހާމަވެފައިވާ ގޮތުން ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ 1400 މީހުން އެބަތިއްބެވެ. އަދި އެ މީހުންނަކީ މީހަކު މަރާލުމަށް ވެސް ފަސް ނުޖެހޭނެ ފަދަ ވިސްނުން ގެންގުޅޭ ބަައެއްގެ ގޮތުގައި ފުލުހުން ވަނީ ބުނެފައެވެ.
ހަރުކަށި ފިކުރު ފެތުރުމުގައި ބައެއް އިލްމުވެރިން ބައިވެރިވާ ކަމަށް ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ހަރުކަށި ފިކުރު ފަތުރާ އިލްމުވެރިން ގެންދަނީ ދިވެހިން ރެކްރޫޓްކޮށް ބޭރުގެ ހަނގުރާމަތަކަށް ފޮނުވަމުން ކަމަށާ އެފަދަ މީހުން ރާއްޖޭގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ.
ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާ އެއް ބަޔަކީ ބައެއް އިލްމުވެރިންގެ ގޮތުގައި ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އޭގެ އިތުރުން އެ މީހުންނަކީ އެފަދަ ފިކުރުތަކަށް މީހުން ވެއްދުމަށް މަސައްކަތް ކުރާ ބައެއްކަމަށް ވެސް ސޯޝަލް މީޑިއާގައި ވަނީ ތުހުމަތުކޮށްފައެވެ.
އެހެން ނަމަވެސް އެ ތުހުމަތުތަކަށް މަޝްހޫރު ދީނީ އިލްމުވެރިން ވަނީ، އެއީ ރާއްޖެއިން އިސްލާމްދީން ފޮހެލުމަށް ބަޔަކު ދައްކާ ވާހަކައެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ރާއްޖެއަށް އެހެން ދީންތައް ގެނައުމަށްޓަކާ، ދީން އުނގަންނައި ދިނުމަކީ ހަރުކަށި ވިސްނުންކަމަށް ދެއްކުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށް ދީނީ އިލްމުވެރިން ވަނީ ބުނެފައެވެ.

