ޖަޕާނާއި އިންޑިއާއާ ދެމެދު އޮތް ބަދަހި އަދި ދުޅަހެޔޮ ގުޅުމަކީ ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ، އަދި މިހާރު އާ ހަކަތައަކާއެކު ކުރިއަރަމުން އަންނަ ގުޅުމެކެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ދެ ގައުމުގެ ދެމެދުގައި ފުޅާވަމުންދާ ސަގާފީ ބަދަލުތަކާއި، އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން އުފެދިފައިވާ ފުން ގުޅުމުގެ އިތުރުން، އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސުލްހަޔާއި ދުނިޔޭގެ ހަމަޖެހުމަށް ދެ ގައުމުން ގެންގުޅޭ އެއްގޮތް ތަސައްވުރެވެ.
ދެ ގައުމުގެ އެކުވެރިކަމާއި ގުޅުމަށް ލިބިފައިވާ މި ބޮޑު ކުރިއެރުމަކީ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ޕްރޮގްރާމްތަކާއި، ޖަޕާނުން ކުރާ އިންވެސްޓްމަންޓްތައް އިތުރުވުމެވެ.
މީގެ އިތުރުން ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ދާއިރާއިން އޮތް އެއްބާރުލުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. މިހާރު މި ގުޅުން ހަރުދަނާކުރުމަށް ދެ ގައުމުން ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުން ވެސް އެކަމުގެ ފައިދާ ދަނީ ކުރަމުންނެވެ.
2025 ވަނަ އަހަރުގެ އޯގަސްޓް މަހު އިންޑިއާގެ ބޮޑުވަޒީރު ޖަޕާނަށް ކުރެއްވި ޒިޔާރަތުގައި، އޭރު ޖަޕާނުގެ ބޮޑުވަޒީރަކަށް ހުންނެވި ޝިގޭރު އިޝިބާ ވިދާޅުވީ، ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމާ އެކު، ސަލާމަތީ ކަންކަމަށް އިސްކަންދީގެން ދެ ގައުމުގެ ބައިވެރިވުން އާ އުސްމިންތަކަކަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އަސާސީ އުސޫލުތަކެއް ހިއްސާކުރާ ޖަޕާނާއި އިންޑިއާއަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި ރޫލް އޮފް ލޯގެ ތެރެއިން މިނިވަން އަދި ހުޅުވާލެވިފައިވާ ބައިނަލްއަގުވާމީ ނިޒާމެއް ގާއިމުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ދެ ގައުމެވެ. އަދި ދުނިޔޭގެ މަސްރަހު ނުތަނަވަސްވަމުންދާ މި ދަނޑިވަޅުގައި، ސަރަހައްދީ ސުލްހަޔާއި ހަމަޖެހުން ކަށަވަރުކުރުމަށްޓަކައި ޖަޕާނާއި އިންޑިއާ ގުޅިގެން މަސައްކަތްކުރުން މަޖުބޫރުކަމަށް ވިދާޅުވި އެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ”ހާއްސަ އިސްތިރާތީޖީ އަދި ދުނިޔޭގެ ބައިވެރިވުން“ އެކި ދާއިރާތަކުން ކުރިއެރުވުމަށް ދެ ގައުމުން އެއްބަސްވިއެވެ. އެގޮތުން އިންވެސްޓްމަންޓާއި، އުފެއްދުންތެރިކަމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ދެ ގައުމު ގުޅިގެން ހޯދާފައިވާ ކާމިޔާބީތަކަށް އިޝިބާ ވަނީ ތައުރީފް ކުރައްވާފަ އެވެ. އަދި ޖަޕާނުގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، ކުރިމަގުގެ ޖީލުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އިޖުތިމާއީ އަދި އިގްތިސާދީ އަގުތައް އުފެއްދުމަށާއި، އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވެދޭނެ ގުޅުމެއް ބިނާކުރުމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގަތެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖަޕާނުގެ މިހާރުގެ ބޮޑުވަޒީރު ސަނާއޭ ތަކައިޗީއާ ބައްދަލުކުރައްވައި، އިންޑިއާ-ޖަޕާނުގެ ހާއްސަ އިސްތިރާތީޖީ ބައިވެރިވުން އިތުރަށް ކުރިއެރުވުމަށް އެއްބަސްވެވަޑައިގަތެވެ.
ޖަޕާނާއި އިންޑިއާގެ އިންސާނީ ވަސީލަތްތައް ބަދަލުކުރުމާއި އެއްބާރުލުން ދިނުމުގެ އެކްޝަން ޕްލޭންގެ ދަށުން، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 500,000 މީހުން ބަދަލުކުރުމަށް ވަނީ ރޭވިފައެވެ. މިކަމުގެ މަގުސަދަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ދެނެގަތުން ރަނގަޅުކުރުމެވެ. މީގެ ތެރޭގައި ސަގާފީ، ތައުލީމީ އަދި އާންމު ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކުގެ އިތުރުން އިގްތިސާދީ، ޓެކްނޮލޮޖީ އަދި ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުން ހިމެނެއެވެ.

މޯދީ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް އަހަރުތަކަށް އެކުލަވާލި މަގުޗާޓުގައި އިންވެސްޓްމަންޓް، އީޖާދީ މަސައްކަތްތައް، ތިމާވެށި، ޓެކްނޮލޮޖީ، ސިއްހަތު، ދަތުރުފަތުރު އަދި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކަށް ވަނީ އިސްކަންދީފައެވެ.
ލީޑަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކާއި ވެފައިވާ ވައުދުތައް މިހާރު އަންނަނީ އަމަލީ ގޮތުން ފެންނަމުންނެވެ. އެގޮތުން 2026 ވަނަ އަހަރުގެ ޖަޕާން ޓްރެވަލް ފެއާ އިންޑިއާގައި ވަނީ ބާއްވާފައެވެ. މީގެ ސަބަބުން ސަގާފަތާއި، ކާތަކެއްޗާއި، އީދުތަކާއި ދަތުރުފަތުރުގެ ތަޖުރިބާތަކުގެ ތެރެއިން ދެ ގައުމުގެ ރައްޔިތުންގެ ގުޅުން އިތުރަށް ބަދަހިވާނެއެވެ. ފާހަގަކޮށްލެވޭ ކަމަކީ، ޖަޕާނާއި އިންޑިއާގެ ގުޅުމުގެ މޫތައް ހަވަނަ ގަރުނުގައި ޖަޕާނަށް ބުދުދީން ތައާރަފުވުމާ ހަމައަށް ދެމިގެންދާ ކަމެވެ.

ޗައިނާގެ ފަރާތުން ފެންނަމުންދާ ނުތަނަވަސްކަން އުފެދޭ އަމަލުތަކަކީ ވެސް އިންޑިއާ އާއި ޖަޕާނުގެ ގުޅުން ބަދަހިވުމަށް މެދުވެރިވާ ސަބަބެކެވެ. ޓައިވާންގެ މައްސަލައާއި، ސެންކާކޫ ރަށްތަކުގެ ކައިރީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ އިތުރުން، ޖަޕާނުގެ ކަނޑުމަހުގެ ބާވަތްތަކާއި ފަންނާނުން ޗައިނާއިން މަނާކުރުމުގެ ސަބަބުން ޖަޕާނާއި ޗައިނާގެ ގުޅުމަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައެވެ.
އިންޑިއާއަކީ ޖަޕާނުގެ އިންވެސްޓަރުންނަށް އިތުބާރު ހިފޭ، ބޮޑު މާކެޓެކެވެ. ޖަޕާން ބޭންކް ފޯ އިންޓަނޭޝަނަލް ކޯޕަރޭޝަނުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، ޖަޕާނުގެ ކުންފުނިތަކުން ބޭރު ގައުމުތަކުގައި ވިޔަފާރި ފުޅާކުރުމަށް އެންމެ އެދެވޭ މަންޒިލަކީ އިންޑިއާކަމަށް ނިންމާފައިވާތާ މިއީ ހަތަރުވަނަ އަހަރެވެ.
2023-24 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ މުއާމަލާތްތައް 21 ބިލިއަން ޑޮލަރުގައި ހުރިއިރު، 2026 ވަނަ އަހަރު މި އަދަދު ވަނީ 25.17 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ. ފާއިތުވި 25 އަހަރު ދުވަހުގެ ތެރޭގައި ޖަޕާނުން ވަނީ 43 ބިލިއަން ޑޮލަރު އިންޑިއާއަށް އިންވެސްޓްކޮށްފައެވެ.
ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 68 ބިލިއަން ޑޮލަރު އިންޑިއާގައި އިންވެސްޓްކުރުމަށް ޖަޕާނުން ވަނީ ރާވާފައެވެ. މީގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް، ސެމީކޮންޑަކްޓަރ، އަދި ޓެކްނޮލޮޖީގެ ދާއިރާއިން މަސައްކަތްކުރާ ކުދި ވިޔަފާރިތަކަށް އެހީތެރިވުން ހިމެނެއެވެ. ޖަޕާނުގެ މާހިރުން ފާހަގަކުރާ ގޮތުގައި، އުފެއްދުންތެރިކަމުގެ ދާއިރާގައި ޖަޕާން ކުރިއަރާފައިވާއިރު، އިންޑިއާއަކީ ޑިޖިޓަލް ޓެކްނޮލޮޖީގައި ކުރިއަރާފައިވާ ގައުމެކެވެ. އެހެންކަމުން މި ދެ ދާއިރާ އެއްކޮށްލުމަކީ ދެ ގައުމަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

