ރައްޔިތުންގެ ސީދާ ވޯޓަކުންނޫނީ ޤާނޫނު އަސާސީ ލާޒިމުކުރާ އެއްވެސްކަމެއް، އޭގެ އެންމެ ފުރިހަމަ އިޙްތިރާމާއެކު ނޫނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުނިންމަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ކޮންމެ ރައްޔިތަކަށް މިއަދު އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ އޭޕްރިލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާފަންނު ދާއިރާތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ މި ސަރުކާރަށް ރައްޔިތުން ދެއްވާފައިވާކަމީ ރައީސް ޑރ. މުއިއްޒުއަށް ރައްޔިތުންކުރާ ފުރިހަމަ އިތުބާރުގެ ހެއްކެކެވެ. އަދި މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ދައްކަވާފައިވަނީ ފުރިހަމަ ނަމޫނާއެއްކަމަށާއި، ޚާއްޞަކޮށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމުގެ ޤަރާރަށް އަމަލުކުރުމުގައި މެމްބަރުން ޤާނޫނު އަސާސީއަށް ފުރިހަމައަށް އިޙްތިރާމްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެ އިންތިޚާބު އެކުގައި ބޭއްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މިއީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރައީސް ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ރައްޔިތުން ހުށަހެޅި ވަރަށް މުހިންމު ކަމެއް ކަމަށެވެ. މި ބަދަލުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ބޮޑުތަނުން ކުޑަކުރެވިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިދިކޮޅު އެމްޑީޕީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ނައިބު ރައީސް ވިދާޅުވީ، ޑިމޮކްރަސީއެއްގައި ސަރުކާރު ޒިންމާދާރުކުރުވުމަކީ އިދިކޮޅު ޕާޓީގެ މަސްއޫލިއްޔަތެއް ނަމަވެސް، އެމްޑީޕީގެ ފަރާތުން އެފަދަ ޒިންމާދާރު މަސައްކަތްތަކެއް ފެންނަމުން ނުދާ ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިންވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީއަށް އެދެވޭ މަސައްކަތެއް ކުރެވިފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޑީޕީގެ ލީޑަޝިޕުން މިހާރު ކުރަމުންދާ މަސައްކަތަކީ ސަރުކާރުން ކުރާ ރަނގަޅު ކަންކަން ރައްޔިތުންނަށް އޮޅޭގޮތަށް ދެއްކުން ކަމަށް ނައިބު ރައީސް ތުހުމަތު ކުރެއްވިއެވެ. ނަމަވެސް އެމްޑީޕީގެ އާންމު މެންބަރުންނަށްވެސް ހަގީގަތް އެނގޭނެ ކަމަށާއި، ރައްޔިތުން އެފަދަ ދޮގު ވާހަކަތައް ގަބޫލުނުކުރާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ލީޑާޝިޕްގެ ނިންމުންތައް ގޯސްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

