ސަރުކާރުން ޕެންޝަން ފަންޑު ނަހަމަގޮތުގައި ބޭނުންކޮށް، މާލީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ރައްޔިތުންގެ ފައިސާ ހަރަދުކުރަމުންދާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު އިއްޔެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމެވެ.
މި ގަރާރުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ މިއަހަރަށް މަޖިލީހުން ފާސްކޮށްދީފައިވާ ދައުލަތުގެ ބަޖެޓާއި މާލީ ގާނޫނުތަކާ ހިލާފަށް ސަރުކާރުން ކުރަމުންދާ ކަންކަމާ މެދު މަޖިލީހުން ދެކޭ ގޮތެއް ސާފުކުރުމަށެވެ. މި ގަރާރު ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބަޖެޓުގައިވާ މިންވަރަށް ވުރެ އިތުރަށް ނުވަތަ ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަމަށް ފިޔަވައި އެހެން ކަމަކަށް ހަރަދުކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެކެވެ. އަދި އެފަދަ ކަމެއް ކުރާނަމަ މަޖިލީހުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފަށް ދައުލަތުގެ ފައިސާ ހަރަދުކުރުމަކީ ހުއްދަ ކަމެއް ނޫންކަން ވެސް މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.
ގަރާރުގައި ބުނެފައިވަނީ އުސޫލާ ހިލާފަށް ފައިސާ ނެގުމުގެ ބޭނުމުގައި ޕެންޝަން ފަންޑު މެދުވެރިކޮށް ނާޖާއިޒް މުއާމަލާތްތައް ހިންގުމަށް ފަހު، އެ ފައިސާ ސަރުކާރަށް ނެގުމަށް މަސައްކަތްކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ޕެންޝަން ގާނޫނު ބުނާގޮތުން ޕެންޝަން އެސެޓްސް އިންވެސްޓް ކުރުމާ ބެހޭ އެއްވެސް ހުށަހަޅުމެއް ހުށަހަޅަންވާނީ ލިޔެކިއުމާ އެކު އަދި އެ ލިޔުމެއް އާންމުކޮށް ހާމަކުރަންޖެހޭނެއެވެ.
މި މުއާމަލާތްތަކާ ގުޅިގެން ޕެންޝަން ފަންޑުން ފައިސާ ނެގުމާ ދެކޮޅު ހަދައި، ޕެންޝަން ބޯޑުގެ އިސްވެރިން ހިމެނޭހެން ބައެއް މެންބަރުން އިސްތިއުފާ ދެއްވާފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
”މިފަދަ ގާބިލު ތަޖުރިބާކާރު އެތައް ބަޔަކު މިކަމާ ދެކޮޅު ހެދުމަކީ ކަމުގެ ނުރައްކާތެރިކަން ވަޒަންކުރެވޭ ކަމެއް،“ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
މިކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، މުދަލާއި ހިދުމަތުގެ އަގު ބޮޑުވެ، މާލީ ނިޒާމުގެ އިތުބާރު ގެއްލިދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

