ރަހުމުކުޑަގޮތަކަށް މަރާލާފައިވާ ޓެކްސީ ޑުރައިވަރު ޤާސިމް ހަސަންގެ މަރުގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައެވެ. ހަމީދުގެ ޓުވީޓުގައި ވިދާޅުވީ ގާސިމްގެ މަރާ ގުޅިގެން ފިރިހެނަކު ދާދި ދެންމެއަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެކަމާއި ގުޅޭ އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ތަފްސީލް ފަހުން ހާމަކުރައްވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.
https://twitter.com/M_Hameedh/status/1207707639095758848?ref_src=twsrc%5Etfw%7Ctwcamp%5Etweetembed&ref_url=https%3A%2F%2Fsun.mv%2F129117
ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤާސިމްގެ މަރުގެ ތަހުޤީޤަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މުހިންމު ޑީއެންއޭތަކާއި، ފިންގާޕްރިންޓުތަކެއް ސީންއިން ފެނިފައިވާ ކަމަށާއި ގާސިމް މަރާލަން ބޭނުން ކުރި ހަތިޔާރު، އޭނާ ވެއްޓިފައި އޮއްވާ ފެނުނު ތަނާ 300 މީޓަރު ދުުރުން ވިނަގަނޑެއްގެ ތެރެއިން ފެނިފައިވާ ކަމަށެވެ.
އަދި ޤާސިމް މަރާލި ރޭ އޭނާ ހުޅުމާލޭގައި ދަތުރުކުރި ގޮތް ސީސީޓީވީ ފޫޓޭޖު ބަލައިގެން ހޯދިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ޤާސިމްގެ ޤާތިލުން ދެނެގަތުމުގެ މަސައްކަތް މިހާރު ފުލުހުންގެ ޓީމަކުން ކުރަމުންދާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
ތޫނު އެއްޗަކުން ހަމަލާދީ، ޓެކްސީ ޑްރައިވަރު ގާސިމް މަރާލާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭގައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ކަރަށް ވަޅިން ހަމަލާ ދީފައިވާއިރު އަތަށްވެސް ވަނީ ޒަހަމްވެފައެވެ. ބެލެވޭ ގޮތުގައި ޤާސިމްގެ ޓެކްސީއަށް އެރި ބަޔަކު ނުވަތަ މީހަކު އޭނާއަށް ހަމަލާދިނީއެވެ.
އަދި އަތުގައިވާ ޒަހަމްތަކަކީ ހަމަލާއިން ސަލާމަތްވުމުގެ ތެރެއިން ލިބިފައިވާ ޒަހަމް ތަކެކެވެ. ގާސިމް މަރާލާފައި އޮއްވާ ފެނުނީ، އޭނާގެ ކާރާ މާ ދުރު ނޫން ހިސާބެއްގައި މަގުމައްޗަށް ވެއްޓިފައި އޮއްވައެވެ.

