ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ޑްރަގްގެ ވަރުގަދަ އޮޕަރޭޝަނެއް ފަށައިފި އެވެ.
މި އޮޕްރޭޝަންއާއި ގުޅިގެން ފުލުހުން ބުނީ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތަކަށް ނިސްބަތްވާ ފަރާތްތަކުން މާލޭގެ ބައެއްގެ ގޭގައި ހިންގާ މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރިކޮށް އެ ގެތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ (ކެފޭ އުސޫލުން) ހިދުމަތް ލިބޭގޮތަށް ތައްޔާރު ކުރެވިފައިވާ ގެތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަންއެއް ކަމަށެވެ.
ފުލުހުން ކުރިއަށް ގެންދިޔަ ޑްރަގް ރެއިޑް އޮޕަރޭޝަންގަައި ފަސް ގެއެއް ބަލާ ފާސްކޮށް 29 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ޑްރަގް އޮޕަރޭޝަންގައި މިމަހު ތެރޭގައި އިތުުރު ހަތަރު ގެއެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ފުލުހުން މިމަހުގެ ބަލާފާސްކޮސްފައިވާ ގެތަކަކީ މ. ފެޝަންމީޑް، މ. ނަދީއިރުމަތީބައި، ހ. ވެލިރަންގެ، ގ. މެމޮރީވިލާ އެވެ. އަދި މިރޭ ބަލަމުން ދަނީ މ. ލޮނުމިދިލިގެއެވެ.
ޑިސެމްބަރު ފަސް ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި ބަލާ ފާސްކޮށްފައި ވަނީ، މ. ފެޝަން މީޑް އާގެއެވެ. އެ ގެ ބަލާ ފާސްކޮށް 11 މީހަކު ހައްޔަރުކޮށްފައި ވެއެވެ.
މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މ. ނަދީއިރުމަތީ ބައި ބަލާ ފާސްކޮށް އެގެއިންވެސް 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން، ޑިސެމްބަރު 16 ވަނަ ދުވަހު ހ. ވެލިރަންގެއިން 10 މީހަކު ވަނީ ހައްޔަރުކޮށްފައި ވެއެވެ.
އަދި ރޭ ފުލުހުން ހިންގި އޮޕަރޭޝަންގައި ގ. މެމޮރީވިލާ ބަލާ ފާސްކޮށް 4 މީހަކު ހައްޔަރުކޮށްފައި ވެއެވެ.
ފުލުހުން ބުނީ މިއީ ގެތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުގެ ރުހުމާއެކުގައި މާލީ މަންފާ ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއްކަމަށެވެ. މި އޮޕަރޭޝަންތަކަކީ ގެ ތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތް ޒިންމާދާރު ކުރުމަށް ނުވަތަ ޖިނާއީ ތަހުގީގެއް ހިންގައި އެ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށްޓަކައި، ހިންގޭ އޮޕަރޭޝަން ތަކެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުން ބުނީ މި ގެ ތަކަކީ ތަކުރާރުކޮށް މިފަދަ މައްސަލަތަކުގައި ބަލާ ފާސްކުރެވިފައިވާ ގެތަކެއް ކަމަށެވެ.

