ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާން މަހާއި އެކު މުޖްތަމައުން ފެންނަން ބޭނުން ވަނީ ހެޔޮ ބަދަލުތަކެއް: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަރަކާތްތެރި ރަމަޟާން މަސް ބައްދަލު ކުރާއިރު، މުޖްތަމައުގައި ފެންނަން ބޭނުންވާ ރަނގަޅު ކަންކަމުގެ ތެރޭގައި ފަސްވަގުތު ނަމާދުކުރާ، ކުޑަކުދީންގެ ކަރާމާތް ރައްކާތެރިކުރާ އަދި ބޮޑެތި މީހުންނަށް އިހުތިރާމުކުރާ މުޖުތަމައެއް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރުމުގެ މުނާސަބަތުގައި، ފޮނުއްވި ހިތާބުގައި ރައީސް ވަނީ ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ތަހުނިޔާ ފޮނުއްވައި، މުޖުތަމައުގެ އިސްލާހަށްޓަކައި އަމިއްލަ ނަފްސުން ފެށުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވިދާޅުވީ، ކީރިތި ޤުރްއާނުން އެނގޭގޮތުގައި މާތް ﷲ ރޯދަ ފަރުޟު ކުރެއްވީ ތަޤުވާވެރިވުމަށާއި، ކުށްފާފަތަކަށް އަރައިގަތުމަށް ބިރުވެތިވެ އެކަންކަމުން ދުރުހެލިވުމަށްޓަކައި ކަމަށެވެ. ރަމަޟާން މަހަކީ ހެޔޮކަމުގެ މޫސުމެއްކަން ފާހަގަކުރައްވައި، ތެދުމަގުގައި ސާބިތުވެ ހެޔޮ ކަންކަންމަތީ ދެމިތިބުމަށް މި މައްސަރުގެ ބޭނުން ހިފުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

އިޖުތިމާއީ އިސްލާހާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ކޮންމެ އިސްލާހެއްގެ ވެސް ފެށުމަކީ ތިމާ އަމިއްލަ ނަފްސު ކަމަށެވެ. އަދޮ އާއިލާއަކަށް، މުޖުތަމައަކަށް ނުވަތަ ގައުމަކަށް އިސްލާހެއް، ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ އަމަލީ ނަމޫނާއަކަށްވާން ޖެހޭކަމަށް ވިދާޅުވި އެވެ.

މުޖުތަމައުން ދެކެން ބޭނުންވާ މުހިންމު ބަދަލުތަކާއި ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ، ފަސްވަގުތު ނަމާދުކުރާ، ކުޑަކުދީންގެ ކަރާމާތް ރައްކާތެރިކުރާ އަދި ބޮޑެތި މީހުންނަށް އިހުތިރާމުކުރާ މުޖުތަމައެއް ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން މަސްތުވާތަކެތިން ސަލާމަތްވެފައިވާ، ސިއްހީ ގޮތުން ނުރަނގަޅު އާދަތަކަށް ”ނޫނެކޭ“ ބުނާ މުޖުތަމައަކަށް ދިވެހި މުޖުތަމަޢު ވާންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިންގެ ހަރުދަނާ އިސްލާމީ ސަގާފަތާއި ތަހުޒީބީ އަމިއްލަ ގޮތްތައް ނަގަހައްޓާ މުޖުތަމައެއް ބިނާކުރުމަކީ ދިވެހިރާއްޖޭގެ އަމާންކަމަށާއި ދިވެހިންގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އުސޫލުތަކާއި ގާނޫނުތަކަށް ބޯލެނބުމަކީ މުޖުތަމައުގެ އަދަބުވެރިކަން އިތުރުވެ، ދުނިޔޭގެ ކުރިމަތީގައި ދިވެހިންގެ ގަދަރު މަތިވެރިވާނެ ކަމެއްކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ރަމަޟާން މަހަކީ އަހުލާގީ ގޮތުން އެންމެ މަތިވެރި ފިލާވަޅުތައް އުނގަންނައިދޭ މަރުކަޒެއްގެ ގޮތުގައި ސިފަކުރައްވަމުން، ވަގުތަށް ކަމޭހިތުމާއި، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް ރަމަޟާން މަހުގެ ބޭނުން ހިފުމަށް ރައީސް ގޮވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: