ފަތުރުވެރިކަމުގެ ސިނާއަތުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، ރައީސް އޮފީހުގެ މިނިސްޓަރު އަދި އެ ސިނާއަތް ރާއްޖެއަށް ތައާރަފްކުރުމަށްޓަކާ އެންމެ އިސްރޯލެއް އަދާކުރެއްވި ތަޖުރިބާކާރު އަހުމަދު ނަސީމް (ކެރަފާ ނަސީމް) އަށް އަރުވައިފިއެވެ.
އެ އެވޯޑް ކެރަފާ ނަސީމްއަށް އަރުވާފައިވަނީ، ކްރޮސްރޯޑްސްގައި ކުރިޔަށް ގެންދިޔަ މޯލްޑިވްސް ޓްރެވެލް އެވޯޑްސް 2019 ގެ ގާލާ އެޑިޝަންގައެވެ. ޓްރެވެލް އެވޯޑްސްއަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕްރޭޓާސް (މަޓާޓޯ) އިން ފާއިތުވެ 12 އަހަރުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ދެމުން އައި އެވޯޑެކެވެ.
މަޓާޓޯއިން ވަނީ، ނަސީމްއަށް އެ އެވޯޑު އެރުވުމުގެ ކުރިން އޭނާއާއި ބެހޭ ކުރު ތަފްސީލީ ރިޕޯޓެއް ވެސް ގެނެސްދީފައެވެ. އެވޯޑާއި ހަވާލުވެވަޑައިގަތުމަށްފަހު، ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަކީ ގައުމުގެ މުސްތަގުބަލު ކަމަށެވެ. އަދި މީގެ އެތައް ޒަމާނުއްސުރެން ފެށިގެން ސިނާއަތުގެ ހަގީގަތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ ގިނަ މަސައްކަތްތަކެއްކޮށްފައިވަނީ ދިވެހި ފަރުދުންކަން ފާހަގަކުރައްވާ ނަސީމް ވިދާޅުވީ، ފަތުރުތިވެރިމަމަށް ފާގަތި މުސްތަގުބަލެއް ބިނާ ކުރުމަށް ކުންފުނިކަށް ކުރެވިދާނެ މަސައްކަތަކީ ދިވެހީންނަށް ހިއްސާ ވިކުން ކަމަށެވެ.
ނަސީމް ވަނީ، އޭނާއަށް ފަތުރުވެރިކަމުގެ ދާއިރާ ކުރުއެރުވުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަން ފާހަަގަ ކުރައްވާފައެވެ.
ދާއިރާގައި އެންމެ އުހަށް ވާސިލްވުމަށްޓަކައި އެތައް ބައެއްގެ އެހީތެރިކަން ލިބިގެންދިޔައިރު ނަސީމް އެންމެ ބޮޑު ޝުކުރެއް އަދާކުރެއްވީ މަންމާފުޅާއި، ބައްޕާފުޅަށެވެ. އަދި އެ ދެބޭފުޅުންނަށް އެވޯޑު ހާއްސަ ކުރައްވާ ނަސީމް ވިދާޅުވީ ދިރިއުޅުމުގައި ކާމިޔާބީ އާއި ހަމައަށް ވާސިލުވުމަށްޓަކައި އެންމެ ބޮޑު ހިއްވަރަކާއި، ނަސޭހަތް ދެއްވީ އެ ދެބޭފުޅުން ކަމަށެވެ.
ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިއެއްގެ ގޮތުގައި ޒިޔާރަތްކުރީ އިޓަލީވިލާތުގެ ޓްރެވަލް އެޖެންޓެއް ކަމުގައިވާ ޖޯޖް ކޯބިން ކަމަށް ތާރީހުން ދައްކަައެވެ. ފާތްފޮތްތަކުން ދައްކާގޮތުން، އޭނާ ރާއްޖެ އައިސްފައިވަނީ 1971 ވަނަ އަހަރު ރާއްޖެއަށް މުދާ އެތެރެކުރުމުގައި ހަރަކާތްތެރިވި ”މޯލްޑިވްސްއެކްސްޕޯޓަރ“ ނަމަކަށް ކިޔާ ކާގޯ ބޯޓެއް ގައެވެ. ކޯބިން އާއި އެކު މިދަތުރުގައި އިޓަލީވިލާތުގެ ފޮޓޯ ގްރާފަރެއް ބައިވެރިވިއެވެ.
މިއަދު ދުނިޔޭގެ އެތައް ގައުމެއްގެ ލޯބި ޖެހިފައިވާ، ފަތުރުވެރިކަން ރާއްޖެ ގެނައުމުގައި އެންމެ އިސްރޯލެއް އަދާކޮށްފައިވަނީ އޭރު ލަންކާގައި ހުރި ރާއްޖޭގެ އެމްބަސީގައި ވަޒީފާ އަދާކުރަމުން އައި ކެރެފާ އަހުމަދު ނަސީމް އާއި މުހައްމަދު އުމަރު މަނިކު އަދި ޗަމްޕާ ހުސެއިން އަފީފެވެ. މިތިން ބޭފުޅުންނަކީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކޮށް އެދާއިރާ ކުރިއަރުވައި ނަގަހައްޓަވައި ދެއްވި ބޭފުޅުންނެވެ.
ކެރެފާ ނަސީމާއި އުމަރު މަނިކު ގުޅިގެން މޫމަން އޭޖެންސީ ގެ ނަމުގައި ޓްރެވެލް އޭޖެންސީއެއް އުފެއްދިއެވެ. އެއީ 1972 ވަނަ އަހަރެވެ. އެއީ ކުރުނބާ ވިލެޖެވެ.

