ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއި ކައުންސިލްތައް: ވަކިކުރެވިދާނެ ދެ ބާރުތޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން މާލޭގެ މޭޔަރު އާދަމް އާޒިމް އެމަނިކުފާނާ ސަލާންކުރައްވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިދާރީ ހިންގުން ލާމަރުކަޒީ ނިޒާމަކަށް ބަދަލުވެގެންދިޔުމަކީ ރާއްޖޭގެ ތާރީޚުގައި އައި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލެވެ. މި ނިޒާމުގެ މައިގަނޑު އަސާސަކީ ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމާއި، އަމިއްލަ ރަށުގެ ތަރައްޤީއާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރު ސީދާ ރައްޔިތުންނަށް ދިނުމެވެ.

އެހެންނަމަވެސް، 2010 ވަނަ އަހަރުން ފެށިގެން މި ނިޒާމަށް އަމަލީ ސިފަ އަންނަން ފެށީއްސުރެ، މަރުކަޒީ ސަރުކާރާއި ލޯކަލް ކައުންސިލްތަކާ ދެމެދު އޮންނަންޖެހޭ ގުޅުމާ ބެހޭގޮތުން ދަނީ ތަފާތު ބަހުސްތައް ކުރެވެމުންނެވެ.

މި ބަހުސްގެ މައިގަނޑު އަމާޒަކީ ކައުންސިލްތަކަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރާ ގޮފިތަކެއްތޯ ނުވަތަ އެއީ އަމިއްލަ މިނިވަންކަން ލިބިފައިވާ މުއައްސަސާތަކެއްތޯ އުފެދޭ ސުވާލެވެ. ބައެއް ކައުންސިލްތަކުގެ ހިންގުން ހުންނަ ގޮތުން، އެއީ ވަކިވެގަނެގެން އުޅޭ ”ކުޑަ ސަރުކާރުތަކެއް“ ފަދައިން ބައެއް ފަރާތްތަކުން ސިފަކުރެއެވެ. އޮޑިޓް ރިޕޯޓްތަކުން ހާމަވާ ގޮތުގައި، ސިވިލް ސާވިސް ކޮމިޝަނުގެ ހުއްދައާ ނުލައި އިތުރު އިނާޔަތްތައް ދިނުމާއި، ހަރުދަނާ އުސޫލެއް ނެތި ދަރަންޏަށް ފައިސާ ދޫކުރުން ފަދަ މާލީ ބޮޑެތި އިހުމާލުތައް ބައެއް ކައުންސިލްތަކުން ފާހަގަކުރެވެއެވެ.

މީގެ އިތުރުން، ދައުލަތުން ހިންގާ ގައުމީ މަޝްރޫއުތަކަށް ބިން ދޫކުރުމަށް އިއުތިރާޒުކުރުން ފަދަ މައްސަލަތަކަކީ ވެސް ނިޒާމުގެ ތެރޭގައި ކުރިމަތިވާ ގޮންޖެހުންތަކެވެ. މިފަދަ ކަންކަން ދިމާވަނީ ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާ މެދު އުފެދޭ އޮޅުންތަކާއި، އިދާރީ ހިންގުމުގެ ގާބިލުކަން ކުޑަވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ދެކޭ ގޮތުގައި، ކައުންސިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގައި ބައިވެރިވާ މުހިންމު ބައިވެރިންނެވެ. އެގޮތުން ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ވާސިލުކޮށްދޭ އެންމެ ފުރަތަމަ މަރުހަލާއަކީ ކައުންސިލްތައް ކަމަށް އަދުގެ ސަރުކާރުން ގަބޫލު ކުރެއެވެ. ލާމަރުކަޒީ ނިޒާމުގެ ފުރިހަމަ ނަތީޖާ ފެންނާނީ ސަރުކާރާއި ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެންނެވެ.

ނިޒާމުގެ ކުރީކޮޅު ބައެއް ކައުންސިލްތަކުން އަމަލުކުރި ގޮތުން ގައުމުގެ ހަމަޖެހުމަށް ބުރޫއަރާފައިވާކަން ފާހަގަކުރައްވައި، ކައުންސިލްތަކަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެހީތެރިވާ ބައެއްގެ ގޮތުގައި އޮތުން ކޮންމެހެން ބޭނުންތެރި ކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.

އެހެންނަމަވެސް، މި ވިސްނުމާ އިދިކޮޅު މައި ޕާޓީން އެމްޑީޕީން ދެކޮޅެވެ. އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ކައުންސިލްތަކަކީ ހަމައެކަނި ސަރުކާރުގެ އިރުޝާދުތަކަށް ތަބާވާންޖެހޭ ބައެއް ނޫނެވެ.  އެމްޑީޕީން ވަކާލާތު ކުރައްވަނީ ކައުންސިލްތަކަކީ އިދާރީ، ސިޔާސީ އަދި މާލީ ގޮތުން ފުރިހަމަ މިނިވަންކަން ލިބިފައިވާ ތަންތަނަށް ވާންޖެހޭނެ ކަމަށެވެ.

ކައުންސިލްތަކަކީ ހަމައެކަނި މަރުކަޒީ ސަރުކާރުގެ ނިންމުންތައް ތަންފީޒުކުރާ ގޮފިތަކެއް ކަމަށް ދެކުމަކީ ލާމަރުކަޒީ ނިޒާމުގެ އަސްލު މަގުސަދާ ޚިލާފު ކަމެއް ކަމަށް އެމްޑީޕީން ގަބޫލު ކުރެއެވެ.  ކައުންސިލަރުންނަކީ ރައްޔިތުންގެ ވޯޓުން އިންތިޚާބުކޮށްފައިވާ ބައެއް ކަމަށްވުމުން، އަމިއްލަ ނިންމުންތައް ނިންމުމުގެ ބާރު އެބޭފުޅުންނަށް އޮންނަންޖެހޭނެ ކަމަށް އެމްޑީޕީގެ ފިކުރުގެ ބޭފުޅުން ގަބޫލުކުރައްވައެވެ.

އަޅުގަނޑުގެ ހޮޔާލުގައި، ސަރުކާރާއި ކައުންސިލްތަކަކީ އެކަތި އަނެކެއްގެ އެހީތެރިކަމާ ނުލައި ފުރިހަމަ ނުވާނެ، ދައުލަތް ހިންގުމުގެ މުހިންމު ދެ ބަހާއެވެ. ކައުންސިލްތަކަށް މާލީ އަދި އިދާރީ މިނިވަންކަން ދޭންޖެހޭއިރު، އެ މިނިވަންކަން ބޭނުންކުރަންވާނީ ގައުމުގެ ގާނޫނީ އޮނިގަނޑާއި އާންމު މަސްލަހަތުގެ ތެރޭގައެވެ.

ހަމައެއާއެކު، ސަރުކާރުން ވެސް ކައުންސިލްތަކަކީ ބާރުވެރި މުއައްސަސާތަކެއްގެ ގޮތުގައި ބަލައިގަނެ، ގައުމީ ތަރައްޤީގައި އެފަރާތްތަކުގެ ހިއްސާ އިތުރުކުރަންޖެހެއެވެ. ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ރައްޔިތުންނަށް ފޯރާނީ، ސަރުކާރާއި ކައުންސިލްތަކާ ދެމެދު އޮންނަ ދެބަސްވުންތައް ނައްތާލައި، އެކުވެރިކަމާއެކު މަސައްކަތް ކުރެވިގެންނެވެ. ކައުންސިލްތަކަކީ ސަރުކާރާ ވަކިކުރެވޭނެ ބައެއް ނޫނެވެ؛ އެއީ ދައުލަތް ހިންގުމުގެ ނިޒާމުގެ ވަކިނުކުރެވޭނެ ދެ ގުނަވަނެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: