ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް އޮޕަރޭޝަންތައް، ކުރީގެ އިންޓަނޭޝަނަލް ޓާމިނަލްއަށް ބަދަލު ކުރުމަކީ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރުވެގެން ދިޔަ ބޮޅެއްކަމަށް މޯލްޑިވެސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންސްތައް، ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލްއަށް ބަދަލުކޮށް ރަސްމީކޮށް ހިދުމަތްތައް ފެށީ މިދިޔަ ބުދަ ދުވަހު އެވެ. ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންސްތައް ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް ނުވަތަ ޓާމިނަލް 2 އަށް ބަދަލުކުރީ ބޮޑެތި ބަދަލުތަކާއި އެކު އެވެ.
އެގޮތުން ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގައި 8 ޗެކް-އިން ކައުންޓަރު ހުރި ނަމަވެސް، ޓަރމިނަލް 2 ގައި ޗެކް-އިން ވުމަށް 27 ކައުންޓަރު ހުންނާނެއެވެ. އަދި ސެކިއުރިޓީ ކްލިއަރެންސްއަށް 3 މެޝިން ބެހެއްޓިފައިވާއިރު، 6 ޑިޕާޗާ ގޭޓު ހުންނާނެއެވެ.
ހިދުމަތްތަކަށް ގެނައި ބަދަލާއި ގުޅޭގޮތުން ޝަރީފް ވިދާޅުވީ، ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަން, ޓާމިނަލް 2 އަށް ބަދަލުކޮށް ރަސްމީކޮށް ހުޅުވިގެން ދިއުމަކީ ޑޮމެސްޓިކް އޮޕަރޭޝަންގެ މުޅިން އާ ބާބެއްގެ ފެށުން ކަމަށެވެ. އަދި އެމްއޭސީއެލްގެ ކޮންމެ މަސައްކަތެއް, ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ގާތުން ބައްލަވައި ކަންކަމުގައި އިރުޝާދާއި ލަފާދެއްވާކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވި އެވެ.
ޝަރީފު ވިދާޅުވީ, ވީއައިއޭގެ އިންޓަނޭޝަނަލް ފަސިންޖަރުންނެކޭ އެއްވަރަށް ޑޮމެސްޓިކް ފަސިންޖަރުންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު ޕީކް ސީޒަންތަކުގައި ކުރީގެ ޑޮމެސްޓިކް ޓާމިނަލް ވަރަށް ބޮޑަށް ތޮއްޖެހިގެންދާ ކަމަށެވެ.
މި ބަދަލުގެ މައިގަނޑު މަގުސަދަކީ ކުރީގެ ޑޮމެސްޓިކް އެއަރޕޯޓުގައި ކުރިމަތިވާ ތޮއްޖެހުން ކުޑަކޮށް، ދަތުރުކުރައްވާ ފަސިންޖަރުންނަށް ވީހާވެސް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

