ކ. މާފުށީގައި އައު ނަރުދަމާ ނިޒާމު ގާއިމުކުރުމާއި އެ ރަށު ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ރަަސްމީކޮށް ފަށައިފި އެވެ.
މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައި ވަނީ، އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ.
މާފުށީގައި އައު ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން އައު ނަރުދަމާ ނިޒާމެއް ގާއިމުކުރުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓިގެން ދާނެ އެވެ. އަދި މަޝްރޫއުގެ ބައެއްގެ ގޮތުގައި، ނަރުދަމާ ޖަންކްޝަން ބަހައްޓައި، ނަރުދަމާ އައުޓް ފޯލް އެއް އެޅުމުގެ އިތުރުން މި މަޝްރޫޢު ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިޔަށް ގެންދާނެ އެވެ.
މި މަހުގެ 12 ގައި 57.4 މިލިއަން ރުފިޔާއަށް މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 571 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މާފުށީ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ އެ ރަށު ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އައުޓް ފޯލް އެޅުމާއި އަދި ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ ވަރުގެ 02 އާރުއޯ ޕްލާންޓް ބެހެއްޓުމެވެ. އަދި 3500 ޓަނުގެ ފެން ރައްކާ ކުރެވޭ ވަރުގެ 02 ޓޭންކު ބެހެއްޓުމާއި، ފެން މީޓަރުތައް ބަހެއްޓުމާއި، އައުޓްފޯލް އެޅުމުގެ އިތުރުން މި މަޝްރޫޢު ނިންމުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން ހިމެނެ އެވެ.
571 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަސައްކަތް އެމްޑަބްލިއުއެސްސީއަށް ހަވާލު ކުރީ، 128.6 މިލިއަން ރުފިޔާއަށެވެ.

