”ރައްކާތެރިކުރުމުގެ ވަގުތީ އަމުރު“ ނުވަތަ ”ރައްކާތެރިކުރުމުގެ އަމުރު“ އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރާނެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކާ ހިލާފުވާ މައްސަލަތައް އިތުރުވަމުންދާތީ އެކަން އާންމުންގެ ސަމާލުކަމަށް ގެނެސް އާންމު ކުރި ބައެއް މައުލޫމާތުތަކުގަ އެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ ތެރޭގައި ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވެގެން ޖުމްލަ 99 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކާ ގުޅިގެން 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އޭގެ ތެރެއިން 24 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވެއެވެ.
ރައްކާތެރިކުރުމުގެ އަމުރަކީ ގެވެށި އަނިޔާގެ އަމަލެއް ތަކުރާރުވެދާނެކަމުގެ ބިރު އޮތް ހާލަތްތަކުގައި، އަނިޔާ ލިބޭ ފަރާތުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކޯޓުން ނެރޭ ގާނޫނީ އަމުރެކެވެ. މި އަމުރުގެ ދަށުން އަނިޔާކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގަނީ އަނިޔާ ލިބޭ ފަރާތުގެ އަސާސީ ހައްގުތައް ހިމާޔަތްކުރުމުގެ މަގުސަދުގައެވެ.

ފުލުހުންގެ ބުނީ، ކޯޓުން ނެރޭ ”ރައްކާތެރިކުރުމުގެ ވަގުތީ އަމުރު“ ނުވަތަ ”ރައްކާތެރިކުރުމުގެ އަމުރު“ އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރާނެ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށްފަހު ދައުވާ އުފުލުމަށް ފޮނުވަމުންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ ކޯޓުތަކުން ނެރޭ މިފަދަ އަމުރުތަކަށް ފުރިހަމައަށް ބޯލަނބައި އިހުތިރާމްކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި އަމުރާ ހިލާފު އެއްވެސް އަމަލެއް ހިނގާނަމަ، ލަސްނުކޮށް އެކަން ފުލުހުންނަށް ރިޕޯޓުކުރުމަށް ވެސް ވަނީ އެދިފަ އެވެ.
ފުލުހުން ބުނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އަމާން ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން ބޮޑު އިސްކަމެއްދޭ އެއް މަސައްކަތް ކަމަށެވެ. ×

