މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުން ގެންދާ މާފުށީ ޖަލު ފުރި، ކުށްވެރިން ޖަލުތަކަށް ލެވޭނެ ގޮތެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ހުކުމް ތަންފީޒުކުރަން ޖަލަށް ގެންދަން ޖެހޭ ބަޔަކު ދޫނިދޫގައި ތިބެން ޖެހުމުން އޭގެ ތެރެއިން ބަޔަކު ވަނީ ހަޅުތާލުކޮށްފައެވެ. އެ މައްސަލަ މީޑިއާތަކުން ގެނެސްދިނުމުން ފުލުހުން ބުނެފައިވަނީ ގައިދީންތަކެއް ކަރެކްޝަންސް އާއި ހަވާލުކޮށްފައި ނުވާތީ އަށް ގައިދީއަކު ކެއުމަށް އިންކާރު ކުރިކަމަށެވެ. ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިޔަށް ގެންދިއުމަށްފަހު އެ މީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން ހުރިހާ މީހުންވެސް ކާން ފަށާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނެފައިވާގޮތުން، ދޫނިދޫ ޖަލުގައި ކަރެކްޝަންސް އާއި ހަވާލުކުރަންޖެހޭ 58 ގައިދީއަކު އެބަތިއްބެވެ. އޭގެ ތެރެއިން، 50 ގައިދީންނަކީ ތަންފީޒީ މަރުހަލާއަށް ހަވާލު ކުރަންޖެހޭ މީހުންނެވެ. އަދި ބާކީ ތިބި ގައިދީންނަކީ ރިމާންޑްއަށް ހަވާލު ކުރަންޖެހޭ މީހުންނެވެ.
ރާއްޖޭގެ ޖަލުތަކާއި މީހުން ބަންދުކުރާ އެހެން ބައެއް ތަންތަނުގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި، މާފުށީ ޖަލުގައި 655 މީހުންގެ ޖާގައިގެ ގޮޅިތަކަށް 969 މީހުން މިހާރުވެސް ވައްދާފައިވާކަމުގެ އަޑުތައް އިވެއެވެ. އަދި ތަފާތު އެކި މައްސަލަތަކުގައި މީހުން ބަންދުކޮށްފައިވާއިރު އެ މީހުންގެ ޝަރީއަތްތައް ކުރިޔަށް ނުދާކަން ފާހަގަކުރެވެއެވެ. ޝަރީއަތް ނިމެންދެން ޖަލުގައި މީހުން ބަންދު ކުރުން ނުވަތަ ވާނުވާ ޖެހުމުގެ ސަބަބުން މާފުށީ ޖަލު ތޮއްޖެހެމުންދާކަން އދ. އިން ކަނޑައަޅާފައިވާ ސްޕެޝަލް ރެޕަޓުއާ ނިޒް މެލްޒާ ވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ހުރިހާ ޑިޓެންޝަނަސެންޓަރުތަކެއް ވެސް ވަނީ ފުރިފައެވެ. އެގޮތުން ބަންދުކުރާ ތަންތަނުގެ އޮކިއުޕެންސީ ރޭޓުހުރީ 150 އިންސައްތައާއި 190 އިންސައްތައާއި ދެމެދުގައެވެ. ރާއްޖޭގެ ޖަލުތަކަކީ އަބަދުވެސް ދަށްފެންވަރުގެ ތަންތަންކަން ފާހަގަކުރެވޭއިރު ޖަލުގައި އެކަށީގެންވާ އިންސާނީ ހައްގުތަކެއް ނުލިބޭކަމަށް މީޑިއާތަކުގައި ވާހަކަ ދެކެވެއެވެ.
އެގޮތުން ކާނާގެ ފެންވަރު އެހާދަށްއިރު، ރަނގަޅު ފާހަނާ ކުރުމުގެ ނިޒާމެއް ގާއިމް ކުރެވިފައި ނެތެވެ. ޖަލުތަކުގެ ބޭނުމަކީ ކުށްކުރާ މީހާއަށް އަދަބު ދިނުން ކަމުގައި ވީނަމަވެސް، ގައިދީންނަށް އިންސާނީ ހައްގުތަކެއް ލިބިގެންވާކަމަށާއި ގައިދީންނަށް ވެސް ފުރިހަމަކޮށްދޭންޖެހޭ ކަންތަކެއް ހުންނާނެކަން އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ދަނީ ފާހަގަ ކުރަމުންނެވެ.

