ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ތަހުގީގުކުރަމުންދާ މައްސަލައަކާއިގުޅިގެން ހޯދަމުންދާ މީހެއްގެ ވީޑިއޯ އާންމުކޮށްފިއެވެ.
ވީޑިއޯ އާންމުކޮށް ފުލުހުން ކުރި ޓުވީޓުގައި ބުނެފައިވަނީ ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ތަހުގީގުކުރަމުންދާ މައްސަލައަކާއިގުޅިގެން ވީޑިއޯގައި ފެންނަ މީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދޭ ކަމަށެވެ.
އޭނާ ހޯދަމުން ދަނީ ސީދާ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ހޯދަން ބޭނުންވާ މީހާ ވީޑިއޯގައި ހުރީ ކަޅުކުލައިގެ ޓީޝާޓެއް ލައިގެންނެވެ. އޭނާ ފާހަގަކުރުމުގެ ގޮތުން ވީޑިއޯގައި ވަނީ ބޮޅު އަޅާފަފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާ ބާރު ސްޕީޑުގައި އައިސް ކަޅުތުއްކަލާ ކޮށި ކައިރިން އިންޑަސްޓްރިއަލް ޒޯން ސަރަޙައްދުގައި މަޑުކޮށްލައެވެ. ހަމަ އެވަގުތު ރަތް ކުލައިގެ ޓީޝާޓެއް ލައިގެން އައިސް އިން މީހަކު ސައިކަލުގައި އައިސް މަޑުކޮށްލައެވެ. ނަމަވެސް އެދެމީހުން ދެމެދުގައި ހިނގައިދިޔަ ކަމެއް ވީޑިއޯއިން ސާފެއް ނުވެއެވެ.
https://twitter.com/PoliceMv/status/1209339809728065536
ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ނަމަ ލަސްނުކޮށް ފުލުހުންގެ ނަންބަރު 3322111 އަށް ގުޅުއްވުމަށް ނުވަތަ ޓްރެފިކް ޑިޕާޓްމެންޓުގެ ނަންބަރު 9660183 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެެ.
މިފަދަ މައްސަލަތަކުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

