އެޓާނީ ޖެނެރަލް އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ސޮފްޓްވެއަރއެއް ތައްޔާރުކުރުމަށްޓަކައި، ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުގެ ކުންފުންޏަކާއި، ހަވާލުކުރި މަސައްކަތް ނިންމާފައި ނުވާތީ އެ މަސައްކަތަށް ޚަރަދު ކުރި ފައިސާ ހޯދުމަށް އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ އުފުލައިފިއެވެ.
އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޭސް މެނޭޖުމަންޓް ސިސްޓަމް ސްފްޓްވެއަރއެއް ޑިވެލޮޕްކުރުމަށް އެ އޮފީހުން ޕްރޮޕޯސަލެއް ތައްޔާރުކޮށް، ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑާ އެކު 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ބައްދަލުކޮށް، އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރިއަށް ގެންދިޔަ ކަމަށެވެ.
އަދި އޭގެ ފަހުން އޭޖީ އޮފީހުން ހުށަހެޅި ޕްރޮޕޯސަލަށް ބިނާކޮށް، ކޭސް މެނޭޖްމަންޓް ސިސްޓަމެއް ތައްޔާރުކުރެވިދާނެ ކަމާއި އެ ސްފްޓްވެއަރގައި ހުންނާނެ ސިފަތައް ބަޔާންކޮށް، ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން 21 ޖޫން 2017ގައި މި އޮފީހަށް ޕްރޮޕޯސަލެއް ހުށަހެޅި ކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ.
“ ”ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ޕްރޮޕޯސަލްގެ މަސައްކަތަށްވާ ފައިސާ ހަމަޖައްސައިދިނުމަށް މި އޮފީހުން 29 އޮގަސްޓް 2017 ޓޫރިޒަމް މިނިސްޓްރީގައި އެދުމުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ޕްރޮޖެކްޓެއްގެ ގޮތުގައި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ވަނީ މަސައްކަތުގެ އަގަށްވާ ފައިސާ އެކީ އެއްފަހަރާ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައި. ވަކި މުއްދަތުތަކަށް ބަހާލައިގެން އެ ކުންފުންޏަށް ފައިސާ ދެއްކުމަށް އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްގައި އެއްބަސްވެފައި ވަނިކޮށް، އެމް.އައި.ޓީ.ޑީ.ސީ އިން އެ ކުންފުންޏަށް އެކީ އެއްފަހަރާ ފައިސާ ދެއްކާފައި ވަނީ 21 ޑިސެމްބަރ 2017ގައި“
އޭޖީ އޮފީހުން ނެރުނު ބަޔާނުގައި އިތުރަށް ބުނީ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން އެ އޮފީހަށް ހުށަހެޅި ޕްރޮޕޯސަލްގައި، ހަތަރު މަސް ތެރޭގައި މަސައްކަތް ނިންމާނެ ކަމަށް އެއްބަސްވެފައިވީ ނަމަވެސް ކަނޑައެޅި މުއްދަތުގައި މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުން މަސައްކަތް ނިންމުމަށް އިތުރު މުއްދަތު އެކި ފަހަރު މަތިން އެ ކުންފުންޏަށް ދިން ކަމަށެވެ.
އެގޮތުން އެ މަސައްކަތް ނިންމައި، ހަވާލު ކުރަންޖެހޭ އެންމެ ފަހު ތާރީހު ކަމުގައިވާ 25 ޖުލައި 2019 އަށް ވެސް، ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަންއާ އެއްގޮތަށް އެ ކުންފުންޏަށް ސޮފްޓްވެއަރ ތައްޔާރު ކުރެވިފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.
ދީފައިވާ މުއްދަތު ތެރޭގައި އެ މަސައްކަތް ފުރިހަމަ ކޮށްފައި ނުވާތީ މަސައްކަތަށް ޚަރަދު ކުރަންޖެހުނު 53،826.80 ޑޮލަރު ދައުލަތަށް ދެއްކުމަށް ކޯޓަށް ހުށަހެޅި ދައުވާގައި އެދިފައިވާނެ ކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ.
އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އޭސީސީގައި އާއި އޮޑިޓަރ ޖެނެރަލް އޮފީހުގައި އެދިފައި ވާނެ ކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ.

