ޓު ޑޯ ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަތުމަކީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ލިބުނު ވަރަށް ބޮޑު ފުރިހަމަކަމެއްކަމަށް ޔޫތު މިނިސްޓްރީގެ އެޑްވައިޒަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަރީޝް މިހެން ވިދާޅުވީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ”ދިވެހީންގެ ރާއްޖެ“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
މިފަދަ ޑޯޓު ޑޯ ޙަރަކާތްތަކަކީ ވަރަށް މަދުންފެންނަ ކަމެއްކަން ފާހަގަކުރައްވާ ނަރީޝް ވިދާޅުވީ ރައީސަކު މިގޮތަށް ނިކުމެވަޑައިގެން ރައްޔިތުންގެ ޙާލު ބެއްލެވެމަކީ ރައްޔިތުންނަށް ވަރަށް ޙާއްސަ ކަމެއްކަމަށެވެ. މިގޮތުން ރައްޔިތުންގެ މޫނުމަތިން ފެންނަ ހިނިތުންވުމާއި ރައްޔިތުން ބޭނުންވާ ކަންކަން ސީދާ ރައީސް ޑރ. މުއިއްޒުއާއި ހިއްސާކުރުމަށް ފުރުސަތު ލިބުމަކީ ރައްޔިތުން އުފަލާއިއެކު ފާހަގަކުރާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީއިން ކުރިއަށްގެންދާ ޑޯޓުޑޯ ހަރަކާތުގައި ރައީސް ޑރ. މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވީ މައްޗަންގޮޅި މެދު ދާއިރާއަށެވެ. އަދި އިއްޔެ ވަނީ ހެންވޭރު ހުޅަނގަށް ޒިޔާރަތް ކުރައްވާފައެވެ. މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސް ވަނީ ހެންވޭރު ހުޅަނގު ސަރަހައްދުގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާއި ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި ހާލު ބައްލަވައިލައްވާފައެވެ.
ނަރީޝް އިތުރަށް ވިދާޅުވީ،
”ރައީސްގެ ބިޒީ ޝެޑިއުލްއިން ވަގުތު ހުސްކުރައްވައިގެން ރައްޔިތުންގެ އަރިހަށް ވަޑައިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވަން އެވަޑައިގަންނަވާ ވަޑައިގެންނެވުމަކީ ޚަޤީގަތުގައި ކެމްޕެއިނަށް ލިބުނު އެންމެ ބޮޑު ފުރިހަމަކަން“
ލޯކަލް ކައުންސިލު އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ރައީސް ކުރައްވަމުންދާ މި ޒިޔާރަތްތަކުގައި ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ. ރައީސްގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންނާއި، ކޮންގްރެސް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންވެސް މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މިހާރު ކުރިއަށްދާ ޑޯޓު ޑޯ ހަރަކާތްތަކުގައިވެސް އެމަނިކުފާނު ގެންދަވަނީ ބައްދަލުވާ ކޮންމެ މީހެއްގެ ކަންބޮޑުވުންތައް ގާތުން އަޑުއައްސަވަމުންނެވެ.

