ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ތިނަދޫ ސިޓީގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންގެ މާލޭ ކެމްޕެއިން އޮފީސް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭ ހުޅުވައިދެއްވައިފިއެވެ.
މާލޭގައި ބޭއްވި މި ރަސްމިއްޔާތުގައި ސާޖިދާ މުހައްމަދުގެ އިތުރުން ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕީއެންސީގެ ޓިކެޓުގައި ތިނަދޫ ސިޓީގެ މޭޔަރުކަމަށާއި ކައުންސިލުގެ މެންބަރުކަމަށް، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
ކޮންގްރެސް ޕާޓީން އަންނަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި އެހެނިހެން ސިޓީތަކުގެ އިތުރުން ރަށްރަށުގައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އެކި ސަރަހައްދުތަކުގައި ޕާޓީގެ ޖަގަހަތައް ގާއިމުކޮށް، ސިޔާސީ ހަރަކާތްތައް ފުޅާކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް އެ ޕާޓީން ބުނެއެވެ.
މީގެ އިތުރުން، މާލޭ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ގެންދަވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން ޕާޓީން ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ރައްޔިތުންގެ ހާލަތު އެމަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު ޕާޓީގެ ޝަރަފު ޕީއެންސީން ވަނީ ހޯދާފައެވެ. އެ ޕާޓީގެ ފަރާތުން މިފަހަރުގެ އިންތިޚާބުގައި 1،300 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށް ޕީއެންސީން ވަމުންދާ ތައްޔާރީތަކަކީ އެ ޕާޓީގެ ސަފުތައް ވަރުގަދަކޮށް، ރައްޔިތުންގެ ތާއީދު އިތުރުކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ.

