ދިވެހި މުވަޒަފުންގެ ނިސްބަތް އިތުރުވެ ލިބޭ މުސާރައާއި އިނާޔަތްތަކަށް ބަދަލު އަންނަންޖެހޭ ކަމަށާއި ހައްގު މިންވަރު ލިބުމަކީ އެއީ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށާއި އެ އަދަދު މަދުވެގެން ވާހަކަތައް ދައްކާތީ ހިތާމަ ކުރައްވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވުމާއި ގުޅިގެންނެވެ.
އިއްޔެ ޓުއަރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދަައްކަވަމުން މިނިސްޓަރ އަލީ ވަހިދު ވިދާޅުވީ އްޖޭގެ ޓޫރިޒަމް ސިނާއަތުގެ ގިނަ ރިސޯޓުތަކުގެ ސާވިސްޗާޖު ދޭ ގޮތް ފެންނަން އެބައޮތް ކަމަށެވެ. ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކުންނާއި ބޭރުގެ ކުންފުނިތަކުންވެސް ސާވިސް ޗާޖު ދޭ ގޮތް ރަނގަޅު ކަމަށް ވިދާޅުވިއެވެ.
”ރާއްޖޭގެ ވިޔަފާރި ކުންފުނިތައް ނުވަތަ މި ކަމަށް އިންވެސްޓް ކޮށްގެން ތިބި ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު. ބައެއް ފަހަރު ރިސޯޓުން ކަނޑާލީމާ އެ ކުއްޖާ ދައްކާ ވާހަކަ މެއިން ސްޓްރީމް މި ވަނީ. މި ޝަކުވާތައް ކޮށް ގިނަ ފަހަރު ޓްވީޓު ކޮށްފައި ވެސް ހުންނަނީ ވަގު އެކައުންޓުތަކުން“
މިނިސްޓަރގެ މިވާހަކަތަކާއި ގުޅިގެން ޑރ ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމިއްލަ ޤައުމްގައި ދިވެހި މަސައްކަތްތެރިންގެ އަގުވަޒަންކުރަންޖެހޭ ކަމަށާއި ފަތުރުވެރިކަމުގައި އަދިވެސް ޝަކުވާތައް ގިނަކަން ފާހަގަކުރެއްވިއެވެ.
އަދި އެއީ ޙަޤީޤީ ޝަކުވާތަކެއް ކަމަށާއި ދިވެހި މުވައްޒަފުންގެ ނިޞްބަތާއި، ލިބޭ ވަޒީފާ އަދި މުސާރައާއި އިނާޔަތްތަކަށް ދާއިމީ ހެޔޮ ބަދަލުތަކެއް އަންނަންޖެހޭ ކަމަށެވެ. ޙައްޤު މިންވަރު ލިބުމަކީ އެއީ ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.
https://twitter.com/MJameelAhmed/status/1210079975971274752
މިނިސްޓަރ އަލީ ވަހީދުގެ މިވާހަކަތާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއުރާގައި މަސައްކަތް ކުރާ ގިނަބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ރިސޯޓް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް މި ސަރުކާރުން ވައިދިވި ކަމަށާއި ނަމަވެސް ދެއްކި ވާހަކަ ފަރިއްސައްވެއްޖެ ކަމަށެވެ. އަދި ފެނިގެން މިދަނީ ސަރުކާރު ވިޔަފާރިވެރިންގެ ދަށުވީމާ ނިކުންނަ ނަތީޖާ ކަމަށެއެވެ.
މީގެ އިތުރުން ގިނަ ބަޔަކު ވަނީ މިނިސްޓަރ އަލީ ވަހީދު އިސްތިއުފާއަށްވެސް ގޮވާލާފައެވެ. ޓުއަރިޒަމް ދާއިރާ ދޫކުރައްވާ ކުޅިވަރުގެ ދާއިރާގައި ވަޒީރުކަން ކުރުމަށް ވެސް ބައެއް ފަރާތްތަކުން ވަނީ އަލީ ވަހީދުއަށް ގޮވާލާފައެވެ.
އަމާޒުވި ފާޑުކިޔުންތަކާއި ގުޅުގެން މިނިސްޓަރ އަލީ ވަހީދުވަނީ ޓުވީޓަކުން ރައްދުވެސް ދެއްވާފައެވެ. އޭނާ ވިދާޅުވީ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި، ވާހަކައިގެ އަސްލު ގެއްލޭގޮތަށް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކުހޯލްޑަރުންގެ ހުރިހާ ހައްގުތަކަށް މި ސަރުކާރުން އަބަދުވެސް އިހުތިރާމު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
https://twitter.com/ali20waheed/status/1209904806002774016
ފަތުރުވެރިކަމުގެ ދައިރާގައި މަސައްކަތް ކުރާ މުވަޒަފުންނަށް ހައްގު މިންވަރު ނުލިބޭ ކަމަށް ބުނެ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. ހާއްސަކޮށް އެ މުވަޒަފުންގެ ކަންބޮޑުވުންތައް ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލާ ކަމީ އާންމުކަމެކެވެ.

