ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ”އަމާން އުދަރެސް“ މަޝްރޫއުގެ ފްލެޓެއް، ބިދޭސީންގެ ލޭބާ ކުއާޓާއެއްގެ ގޮތުގައި ބޭނުންކުރުމަށް ކުއްޔަށް ދޫކުރި މައްސަލައެއްގައި އެ ފްލެޓުގެ ވެރިފަރާތް 50,000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މިއީ އެއްބަސްވުމާ ހިލާފަށް ފްލެޓް ކުއްޔަށް ދޫކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވާ ދަނޑިވަޅެއްގައި ހިނގި ކަމެކެވެ.
މި މައްސަލައާ ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، އަމާން އުދަރެސްގެ ތިން ކޮޓަރީގެ އެޕާޓްމަންޓަކުން ދެ ކޮޓަރި ނޭޕާލް ބަޔަކަށް ލޭބާ ކުއާޓާސްގެ ގޮތުގައި ކުއްޔަށް ދީފައިވާ ކަމުގެ ރިޕޯޓު މިމަހުގެ ކުރީކޮޅު ލިބިފައިވާ ކަމަށެވެ. އެކަން އެނގުނު ހިސާބުން ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ވެރިފަރާތް ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، 10 ދުވަހުގެ ތެރޭގައި އެތަން ހުސްކުރުމަށް އެންގި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެހެން ޔުނިޓެއްގެ ވެރިފަރާތް ރަށެއްގައި ދިރިއުޅެމުން، އެ ފްލެޓް ދިވެހި އާއިލާއަކަށް ކުއްޔަށް ދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެފްޑީސީން ބުނެއެވެ. ފްލެޓްތަކުގެ އަސްލު ކުއްޔަކީ 9,000 ރުފިޔާ ކަމަށްވީ ނަމަވެސް، ބައެއް ފަރާތްތަކުން 25,000 ރުފިޔާއަށް ވުރެ ބޮޑު އަގުގައި ފްލެޓްތައް ކުއްޔަށް ދޫކުރާ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ.
ފްލެޓް ދޫކުރުމުގެ އެއްބަސްވުމުގައިވާ ގޮތުން، ފްލެޓް ލިބުނު ފަރާތް ނޫން އެހެން ފަރާތަކަށް އެތަން ކުއްޔަށް ދިނުމަކީ މަނާ ކަމެކެވެ. މިއީ ފްލެޓް އަތުލުމުގެ ފުރުސަތު އޮތް ހާލަތެއް ކަމަށް އެފްޑީސީން ހަނދާންކޮށްދެއެވެ. ”ގެދޮރުވެރިޔާ“ މަޝްރޫއުގެ ދަށުން ތަރައްގީކުރި 4,000 ފްލެޓްގެ ތެރެއިން ނިމިފައިވާ ތަންތަން ހަވާލުކުރަން ފެށިފަހުން، މިފަދަ މައްސަލަތައް ބަލައި އެއްބަސްވުން ބާތިލުކުރަން ޖެހިއްޖެ ހާލަތެއްގައި އެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.

