ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރާއި، ރިފަރެންޑަމް ވޯޓަށް އަހަން ފުރުސަތު ލިބޭ ގާނޫނު ބާތިލް ކުރުމަށް އެމްޑީޕީން ހައި ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ގާނޫނަށް ގެނެވުނު ބަދަލާއި އެކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުވެސް ގާނޫނާ ހިލާފު ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ. އެހެންކަމުން، އެ ގަރާރު ބާތިލްކުރުމަށް މިއަދު ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ، ކޯޓުން މި މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވުމަށްޓަކައި ވަގުތީ އަމުރަކަށް ވެސް ހައި ކޯޓުގައި އެދޭނެ ކަމަށެވެ.
”އެންމެ ފުރަތަމަ ކަމަކަށް ވެސް މިކަމާ ގުޅޭގޮތުން ބެލި ބެލުމުގައި ފާހަގަވެގެން މިދިޔައީ މިކަމާ ގުޅިގެން ގާނޫނަށް ގެނެވުނު ބަދަލު އަދި ގާނޫނު އަސާސީއަށް ގެނެވުނު ބަދަލާ ހިލާފަށް މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ގަރާރުވެސް މިއޮތީ،“ މައުރޫފް ވިދާޅުވިއެވެ.
މީގެ އިތުރުން، މި މަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ބޮޑު މުޒާހަރާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މައުރޫފް ވިދާޅުވީ މި މުޒާހަރާއަކީ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް ދިވެހިންގެ މިނިވަންކަން ހޯދުމަށް ބާއްވާ ހަރަކާތެއް ކަމަށާއި، ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް މުޅި ރާއްޖޭގައި ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
މި ވޯޓުގައި ރައްޔިތުންނާ ކުރިމަތިލާނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހާ ގުޅޭ ސުވާލެކެވެ. އެއީ: ”ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟“
މި ވޯޓުގައި ރައްޔިތުންގެ ތާއިދު އޮތް ކަމަށް ފާސްވެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވާނީ އެކުއެކީގައެވެ. ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މި ވޯޓާ ދެކޮޅަށް މަސައްކަތް ކުރުމަށް ނިންމާފައެވެ.

