ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދައަށް ހުރެ ކަސްރަތުކުރުން: ދުޅަހެޔޮ ސިއްހަތަކަށް ސަމާލުކަންދޭންޖެހޭ ކަންތައްތައް

ޝެއާރކޮށްލާ ކަހަލަދޯ؟

ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމުންގެ ރޫހާނީ ދިރުމާއި، ނަފްސު ތާހިރުކުރުމުގެ މޫސުމެވެ. މީގެ އިތުރުން، މިއީ ހަށިގަނޑުގެ ދުޅަހެޔޮކަމަށް ބަލާއިރު ވެސް ނުހަނު ފައިދާހުރި މަހެކެވެ. ރޯދައަށް ހުރެ ކަސްރަތު ކުރުމަކީ ހަށިގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓައި، ހަކަތަ އިތުރުކޮށްދޭ ކަމެކެވެ. ނަމަވެސް، ރޯދައަށް ހުރެ ކަސްރަތު ކުރުމުގައި ބައެއް މުހިންމު ކަންތައްތަކަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ރޯދަ މަހު ކަސްރަތު ކުރާނެ އެންމެ އެކަށީގެންވާ ވަގުތެއް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ސިއްހީ މާހިރުން ލަފާދެއްވާ ގޮތުގައި، ރޯދައަށް ހުރެ ކަސްރަތު ކުރުމަށް އެންމެ ރަނގަޅު އެއް ވަގުތަކީ ރޯދަވީއްލަން ގަޑިއެއްހާއިރު ނުވަތަ 45 މިނެޓަށް ވެފައި ވަނިކޮށެވެ. މީގެ ސަބަބުން ކަސްރަތު ނިމޭއިރަށް ރޯދަވީއްލައި، ހަށިގަނޑަށް ބޭނުންވާ ފެނާއި ހަކަތަ ވަގުތުން ހޯދައިދެވޭނެއެވެ.

އަނެއް އެކަށީގެންވާ ވަގުތަކީ ރޯދަވީއްލައިގެން ދެ ގަޑިއިރެއްހާއިރު ފަހެވެ. މި ވަގުތަކީ ކެއި އެއްޗެހި ހަޖަމުވެ، ހަށިގަނޑަށް ހަކަތަ ލިބިފައިވާ ވަގުތަކަށް ވާތީ މާ ބުރަ ކަސްރަތުތައް ކުރުމަށް ފަސޭހަވާނެއެވެ. ނަމަވެސް، ތަރާވީސް ނަމާދާއި އެހެނިހެން އަޅުކަންތަކަށް ބުރު ނާރާނެ ގޮތަކަށް ވަގުތު ރޭވުމަކީ ބުއްދިވެރި ކަމެކެވެ.

ރޯދައަށް ހުރެ ކުރާ ކަސްރަތުގެ ބާވަތަށް ސަމާލުވާން ޖެހެއެވެ. ރޯދައަށް ހުރެ މާ ބުރަ، ބޮޑެތި ބަރު އުފުލުމާއި ގިނަ އިރުތަކެއް ވަންދެން ދުވުން ފަދަ ކަންކަމަކީ ހަށިގަނޑުން ފެން މަދުވެ (ޑީހައިޑްރޭޓްވެ) ވަރުބަލިކަން އިތުރުވެދާނެ ކަމެކެވެ. އެހެންކަމުން، ރޯދަ މަހު އެންމެ ރަނގަޅީ ލުއި ކަސްރަތުތަކަށް އިސްކަންދިނުމެވެ. މިސާލަކަށް، ބާރަށް ހިނގުން، ލުއިކޮށް ދުވުން، ނުވަތަ ސްޓްރެޗިންގ ފަދަ ކަންކަމެވެ.

ކަސްރަތު ކުރާ މިންވަރުވެސް އާންމު ދުވަސްތަކަށްވުރެ މަދުކޮށްލުމަކީ މުހިންމު ކަމެކެވެ. ހަށިގަނޑަށް މާބޮޑަށް ބާރުނުލައި، ހަމައެކަނި ހަށިގަނޑުގެ ހަރަކާތްތެރިކަން ދެމެހެއްޓުމަށް އަމާޒު ހިފުމަކީ ރޯދަ މަހަށް އެންމެ އެކަށީގެންވާ ގޮތެވެ.

ރޯދަ މަހު ކަސްރަތު ކުރާ މީހަކު ކެއިންބުއިމާއި ފެނަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ރޯދަވީއްލާ ގަޑިން ފެށިގެން ހާރާ ހަމައަށް ގިނައިން ފެން ބުއިމަކީ ކަސްރަތު ކުރާއިރު ހަށިގަނޑުން ބޭރުވާ ފެން އަނބުރާ ހޯދައިދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.

މިގޮތުން އެވްރެޖްކޮށް 2 އާއި 3 ލީޓަރާ ދެމެދުގެ ފެން ބުއިމަށް ސަމާލުކަން ދޭންވާނެއެވެ.އަދި ހާރު ގަޑީގައި ލަސްލަހުން ހަކަތަ ދޫކުރާ ކާނާ (ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް) ކަމަށްވާ ގޮދަން، އޯޓްސް އަދި މޭވާ ފަދަ ތަކެތި ބޭނުންކުރުމުން ދުވާލު ގަޑީގައި ވަރުބަލިކަން ކުޑަކޮށްދޭނެއެވެ. މީގެ އިތުރުން، ޕްރޮޓީން އެކުލެވޭ ކާނާ ބޭނުންކުރުމަކީ ކަސްރަތުގެ ސަބަބުން މަސްތަކަށް ލިބޭ ލޮޑުކަން ފިލުވައިދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ރޯދައަށް ހުރެ ކަސްރަތު ކުރުމުގައި އަމިއްލަ ހަށިގަނޑަށް އިހުސާސްވާ ގޮތްތަކަށް ވިސްނުމަކީ ވަރަށް މުހިންމު ކަމެކެވެ. މާބޮޑަށް ބޯއެނބުރުން، މޭނުބައިކުރުން ނުވަތަ އާދަޔާ ހިލާފަށް ވަރުބަލިކަން އިހުސާސްވާނަމަ ވަގުތުން ކަސްރަތު ހުއްޓާލަންވާނެއެވެ. އިސްލާމްދީނަކީ އިންސާނާގެ ފުރާނައާއި ސިއްހަތަށް ނުހަނު ބޮޑަށް އަހަންމިއްޔަތުކަން ދޭ ދީނަކަށް ވާތީ، އަމިއްލަ ނަފްސަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

ކަސްރަތު ކުރާއިރު މާބޮޑަށް ދާހިއްލާނަމަ ނުވަތަ ނޭވާލާން އުނދަގޫވާނަމަ، އެއީ ހަށިގަނޑަށް ނުކުޅަދާނަވަނީ ކަމުގެ ނިޝާނަކަށް ވެދާނެއެވެ. އެފަދަ ހާލަތްތަކުގައި އަރާމުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.

ރޯދައަށް ހުރެ ކަސްރަތު ކުރުމަކީ ރަނގަޅު ރޭވުމަކާއެކު ކުރިއަށް ގެންގޮސްފިނަމަ ސިއްހީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބޭނެ ކަމެކެވެ. މިއީ ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލް ކުރުމަށާއި، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. އެންމެ މުހިންމު ކަމަކީ އަޅުކަންތަކަށް ބުރު ނާރާނޭ ފަދަ ގޮތަކަށް، އަމިއްލަ ސިއްހަތަށް ބަލައިގެން މިކަން ކުރިއަށް ގެންދިއުމެވެ. ރަނގަޅު ވަގުތާއި، އެކަށީގެންވާ ކަސްރަތާއި، އަދި ފައިދާހުރި ކެއިންބުއިމަށް ސަމާލުކަން ދީފިނަމަ، ރަމަޟާން މަހަކީ ދުޅަހެޔޮކަންމަތީ ހޭދަކުރެވޭނެ މަހަކަށް ވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: