ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުތައް އެއްކޮށްލަން އެމްޑީޕީ ބޭނުންވި، އެކަން ނުވީ ރައްޔިތުންގެ ތާއީދެއް ޕާޓީއަށް ނެތުމުން: އިބްރާހިމް

ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރާއްޖޭގައި ބޭއްވޭ ބޮޑު ތިން އިންތިހާބު ވެސް އެއްކޮށްލުމަކީ އެމްޑީޕީން ގެންގުޅުނު ވިސްނުމަކަށްވާއިރު، އެކަން ކާމިޔާބު ނުވީ ރައްޔިތުންގެ ތާއީދު އެ ޕާޓީއަށް ނެތުމުގެ ސަބަބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކުގައި ބޭއްވުމަށްޓަކައި، ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ރައްޔިތުންގެ ރިފެރެންޑަމް ވޯޓު އަންނަ އޭޕްރިލް މަހު ނެގުމަށް ވަނީ ތައްޔާރުވެފަ އެވެ. މި އިސްލާހު ކުއްލި ގޮތަކަށް ގެންނަން ޖެހޭ ސަބަބާއި މެދު ސުވާލު އުފައްދައި، އެމްޑީޕީން ބުނަނީ ސަރުކާރުން މަސައްކަތް ކުރަނީ ވެރިކަމުގެ ދައުރު ދަންމާލަން ކަމަށެވެ. އަދި މިއީ ދައުލަތުގެ ބަޖެޓަށް ބުރަ ކުޑަވެގެން ދާނެ ނިންމުމެއްކަމަށް، ބުނެ ރައްޔިތުންނަށް ސަރުކާރުބް އޮޅުވާލުމަށް މަސައްކަތް ކުރާކަމަށް ވަނީ ބުނެފަ އެވެ.

އިންތިހާބާއި ގުޅޭގޮތުން ”ދިވެހިންގެރާއްޖެ“ ޕްރޮގްރާމްގައި އިބްރާހިމް ވިދާޅުވީ، އިންތިޚާބުތައް އެއްކޮށްލުމުގެ ވާހަކައަކީ މިއަދު އަލަށް ދެކެވޭ ވާހަކައެއް ނޫންކަމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން ވަނީ އެކަމަށް ތާއީދުކުރައްވާކަމަށެވެ. އިބްރާހިމް ވިދާޅުވީ އޭރު އެމްޑީޕީ ވެސް ގެންގުޅުނު ވިސްނުމަކީ ހުރިހާ އިންތިހާބެއް އެއްކޮށްލަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ވަނީ ދެ އިންތިހާބު އެއްކޮށްލުމަށް ގޮވާލާފަ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ވާހަކަ ވިދާޅުވެފަ. އެހެންވީމާ މިއަދު އެ ބޭފުޅުން މިކަމާ ދެކޮޅަށް ވާހަކަދައްކަވަނީ ރައްޔިތުންނަށް އޮޅުވާލަން..

އިބްރާހިމް އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިހާރު މިކަމާ ދެކޮޅަށް ވާހަކަދައްކަނީ ރައްޔިތުންނަށް ހެޔޮއެދިގެން ނޫންކަމަށާއި، އެއީ ހަމައެކަނި ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް ސޯލިހުގެ ސަރުކާރުގައި އިންތިހާބުތައް އެއްކޮށްލުމުގެ މަސައްކަތް ފެށި ނަމަވެސް އެކަން ހުއްޓާލީ، އޭރުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން މީޑިއާތަކުންނާއި އެކި ދިމާދިމާލުން ފެންނަން އޮތުމުންނެވެ.

އޭރު އެމްޑީޕީއަށް އެފަދަ ވޯޓެއް ނަގަން ނުކުރެވުނު އެންމެ ބޮޑު ސަބަބަކީ، އެމްޑީޕީ ދެކެ ފޫހިވެފައި ތިބުމުންކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި ޕާޓީގެ ވިސްނުމަށް ރައްޔިތުން ތާއީދު ނުކޮށްފާނެތީ، އެ ވާހަކަ އިތުރަށް ދައްކަން އެމްޑީޕީ ޖެހިލުންވީކަމަށް ވިދާޅުވި އެވެ.

އިންތިހާބުތައް އެއްކޮށްލުމުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ ދައުލަތުގެ ބަޖެޓުން ކުރާ ބޮޑު ހަރަދު ކުޑަކުރެވުންކަމަށް މެމްބަރު ވިދާޅުވިއެވެ. އެގޮތުން އެއް އިންތިހާބުން އެކަނިވެސް ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ ފަދަ އިގްތިސާދީ ގޮތުން ނާޒުކު ގައުމަކަށް މިއީ ވަރަށް މުހިންމު ފައިސާއެއްކަމަށާއި، މި ފައިސާ ރައްޔިތުންގެ އެހެން ބޭނުންތަކަށް ހޭދަކުރެވޭނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިހާބުތައް އެއްކޮށްލުމުން ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރުވެ، ރައްޔިތުންގެ ބައިވެރިވުން ބޮޑުވާނެ ކަމަށްވެސް އިބްރާހިމް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ރިޔާސީ އިންތިޚާބުގައި 82 އިންސައްތަ މީހުން ވޯޓުލާއިރު، މަޖިލިސް އިންތިހާބުގައި އެ އަދަދު 72 އިންސައްތައަށް ދަށްވެއެވެ. ދެ އިންތިހާބު އެއްކޮށްލުމުން ގިނަ ރައްޔިތުންގެ ނިންމުމާއެކު ދާއިރާތަކަށް މެމްބަރުން އިންތިހާބު ކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ ދެ އިންތިހާބު އެކުގައި ބާއްވާނީތޯ ނުވަތަ ނޫންތޯ ނިންމާނީ ރައްޔިތުން ކަމަށެވެ. އަދި ވޯޓުގައި ރައްޔިތުން ގައުމަށް އެންމެ ފައިދާހުރި ގޮތަށް ނިންމުން ނިންމާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: