އައިކެއަރ އިން މަމްސް އެއިޑް އިން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ”ރަމަޟާން އެއިޑް“ ކެމްޕޭނުގައި މިއަހަރުވެސް ބައިވެރިވެއްޖެއެވެ.
މިދިޔަ އަހަރުގެ ކާމިޔާބު ގުޅުމަށް ބިނާކޮށް، އައިކެއާގެ ފަރާތުން މިއަހަރު ވަނީ ކޮންމެހެން ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ހިމެނޭ ”ކެއާ ބާސްކެޓް“ ތަކެއް ހަދިޔާކޮށްފައެވެ. މި ބާސްކެޓްތަކަކީ މި ބަރަކާތްތެރި މަހު އާއިލާތަކަށް ތަކުލީފެއް ނެތި، ހިތްހަމަޖެހުމާއެކު ރޯދައިގެ އަޅުކަމުގައި މަޝްއޫލުވުމަށް މަގުފަހިކޮށްދިނުމަށްޓަކައި ތައްޔާރުކުރެވިފައިވާ އެހީއެކެވެ.
އައިކެއާގެ މާކެޓިންގ މެނޭޖަރު ނާއިފާ ޖިހާދު ވިދާޅުވީ ރަމަޟާން މަހަކީ އެކަކު އަނެކަކަށް އަޅާލުމާއި، ދީލަތިކަމާއި އޯގާތެރިކަން އިސްކުރާ މަހެއް ކަމަށެވެ. މަމްސް އެއިޑުން ކުރިއަށްގެންދާ ރަމަޟާން އެއިޑް ކެމްޕޭނުގައި ބައިވެރިވެ، އާއިލާތަކަށް ލުޔެއް ހޯދައިދެވުމަކީ އައިކެއާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އުންމީދަކީ އާއިލާތަކުގެ ދިރިއުޅުމުގެ ބުރަ ކުޑަކޮށްދީ، އިޖުތިމާޢީ ބަދަހިކަން އިތުރުކުރުމަށްޓަކައި އެހީ އެންމެ ހައްގުވާ ފަރާތްތަކަށް މާނަހުރި އެހީތެރިކަމެއް ލިބިގެންދިޔުން ކަމަށް ނާއިފާ ވިދާޅުވިއެވެ.
ރަމަޟާން އެއިޑް ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ދަތި ހާލުގައި ދިރިއުޅޭ އާއިލާތަކަށް ހަގީގީ ލުޔެއް ހޯދައިދިނުމެވެ. އެގޮތުން، 2026 ވަނަ އަހަރުގެ ރަމަޟާން މަހަށް އަމާޒުކޮށްގެން، ރާއްޖޭގެ އެކި ސަރަހައްދުތަކުން އެހީއަށް އެންމެ ބޭނުންޖެހިފައިވާ 300 އާއިލާއަކަށް އެހީ ފޯރުކޮށްދިނުމަށް އެ ޖަމިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މި އެހީ ލިބޭ އާއިލާތަކަކީ، އެހީ އެންމެ ހައްގުވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ހަރުދަނާ އުސޫލުތަކެއްގެ ދަށުން ވެރިފިކޭޝަން މަރުހަލާއެއް ފުރިހަމަކޮށް ކަނޑައަޅާފައިވާ އާއިލާތަކެކެވެ.
މުޖުތަމަޢުގެ ދުޅަހެޔޮކަމަށާއި އިޖުތިމާޢީ ޒިންމާ އަދާކުރުމުގައި އަބަދުވެސް އައިކެއާ އިން ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަންއަރުވައެވެ.

