މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން އެގައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެމްއޭސީއެލްއިން އެދިފިއެވެ.
އެމްއޭސީއެލްއިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ވަނީ މެދު އިރުމަތީގެ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރުމާއި ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކަށް ދަތުރުކުރާ އެންމެހާ ފަރާތްތަކުން ވެސް އެއާޕޯޓަށް ވަޑައިގަތުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ވަނީ އެދިފައެވެ.
އެގޮތުން ފަސިންޖަރުން ފުރަން ހަމަޖެހިފައިވާ ޕްލައިޓުގެ މައުލޫމާތާއި އެއާލައިންގެ ވެބްސައިޓާއި ޓުއަރއޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމަށްވެސް އެމްއޭސީއެލްއިން ވަނީ އެދިފައެވެ.
އެގޮތުން ފަސިންޖަރުން ސަމާލުކަންދޭންވީ މުހިންމު ކަންކަމުގެ ތެރޭގައި:
- ދަތުރުކުރައްވާ އެއާލައިންގެ ވެބްސަޓު ނުވަތަ މޮބައިލް އެޕް މެދުވެރިކޮށް ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުން
- ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރު އަދި ޕަލއިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއިއެކު އެފަރާްތަކުން ފޯރުކޮށްދޭ އިރުޝާދަށް ތަބާވުން
- ދުރާލާ ދަތުރުގެ ކަންކަން ރޭވުން
އިޒުރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފަށާފައިވާ ހަމަލާތަކާ ގުޅިގެން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރާ، މެދުއިރުމައްޗަށް ނިސްބަަތްވާ ގައުމުތަކުގެ ބޮޑެތި އެއާލައިންތަކުގެ ދަތުރުތައް އޮތީ މިވަގުތު މެދުކަނޑާލާފައެވެ. އީރާނުން މެދުއިރުމަތީގައި ހުންނަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާ ދެމުން އަންނައިރު، އެ ސަރަހައްދުގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދުތައް އޮތީ ބަންދުކޮށްފައެވެ.

