އީރާނާއި އެމެރިކާ އަދި އިސްރާއީލުގެ ކުރިމަތިލުންތަކުގައި އީރާނުގެ އެކެއް ނުވަތަ ދެ ކޮމާންޑަރުން މަރުވެފައިވުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް އީރާނުގެ ރޫހާނީ މުރުޝިދު، އާޔަތުުﷲ އަލީ ޚާމަނާއީ ހުންނެވީ ސަލާމަތުން ކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ބޮޑުބަޔަކުން އިންޓަނެޓްގެ ޚިދުމަތް މެދުކެނޑިފައިވާ ދަނޑިވަޅެއްގައި، އެގައުމުގެ ޚާރިޖީ ވަޒީރު އެންބީސީ ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ހިނގަމުންދާ ކުރިމަތިލުންތަކުގައި އީރާނުގެ އެކެއް ނުވަތަ ދެ ކޮމާންޑަރުން މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އީރާނުގެ ރޫހާނީ މުރުޝިދު ހުންނެވީ ސަލާމަތުން ކަމަށް އޭނާއަށް އެނގިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އީރާނުގެ ރައީސާއި އަސްކަރިއްޔާގެ އިސްވެރިޔާ ހިމެނޭހެން، އެގައުމުގެ މަތީ ފަންތީގެ އޮފިޝަލުންތަކެއް އަވަހާރަވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އީރާނުގެ މީޑިއާތަކުން ވަނީ ދޮގުކޮށްފައެވެ.
އައްބާސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލައިފިނަމަ، މަސްލަހަތު ފިނިކުރުމަށާއި މަޝްވަރާ ކުރުމަށް އީރާނުން އޮތީ ތައްޔާރަށެވެ.
”މިވަގުތު އެއްވެސް މުއާމަލާތެއް ކުރިއަށް ނުދިޔަ ނަމަވެސް، އެމެރިކާއިން ވާހަކަދައްކަން ބޭނުންވާނަމަ އޭނާއާ ގުޅޭނެ މަގު އެފަރާތްތަކަށް އެނގޭނެ“ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނާއި އެމެރިކާއާ ދެމެދު ނިއުކްލިއާ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް އަލުން ފަށާފައިވާއިރު، އެންމެ ފަހުގެ ބައްދަލުވުން ބާއްވާފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ.
ސަރަހައްދީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަރާގްޗީ ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދެމުންދާކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ އަމިއްލަ ނަފްސުގެ ދިފާއުގައި ކުރާ ކަމެކެވެ.
މިދަނޑިވަޅުގައި ބީބީސީ ވެރިފައިއަށް ލިބިފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާގޮތުގައި، އާޔަތުﷲ އަލީ ޚާމަނާއީގެ އޮފީސް ކަމަށްވާ ”ލީޑަރޝިޕް ހައުސް“ ކޮމްޕައުންޑުގެ ބަޔަކަށް މިއަދު ހެނދުނު ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެއަރބަސް މެދުވެރިކޮށް ނަގާފައިވާ މި ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ސަރަހައްދުގެ އިމާރާތްތައް ވަނީ އަނދައި ކަޅުވެފައެވެ. އަދި އިމާރާތްތަކުން ވެއްޓިފައިވާ ބައިތަކާއި، އެ ސަރަހައްދުން ބޯކޮށް ދުން އަރަމުންދާ މަންޒަރު ވެސް ފޮޓޯއިން ފެންނަން ހުއްޓެވެ.
މި ފޮޓޯތަކުން ފެންނަ މަންޒަރުތަކަކީ، މިއަދު ހެނދުނު ތެހެރާނުގައި ބާރުގަދަ ގޮވުންތަކެއް ގޮވުމާ ގުޅިގެން އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ މަންޒަރުތަކާ ދިމާވާ މަންޒަރުތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

