މެދުއިރުމަތީގައި ހިނގަމުންދާ ނުރައްކާތެރި ހަނގުރާމައާއި ގުޅިގެން، އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އެމެރިކާގެ ނިއުޔޯކުގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ގަޑިން މިރޭ 21:00 ގައެވެ.
މި ކުއްލި ބައްދަލުވުން ބޭއްވުމަށް އެދިފައިވަނީ ބަހްރެއިން، ކޮލަމްބިއާ، ޗައިނާ، ރަޝިޔާ އަދި ފަރަންސޭސިވިލާތުންނެވެ. މި ގައުމުތަކުން މިފަދަ ބައްދަލުވުމަކަށް އެދުނީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ގެއްލެމުންދާތީއެވެ.
ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް މި ނިންމީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތައް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައި ވަނިކޮށެވެ.
ގުޓަރޭޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ”މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާ“ ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ހަނގުރާމަވެރި ހުރިހާ އަމަލުތަކެއް ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރައްވާފައެވެ.
މި ބައްދަލުވުމުގައި މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ސަލާމަތީ މަޖިލީހުގެ މެންބަރު ގައުމުތަކުން މަޝްވަރާ ކުރާނެ ކަމަށް ބެލެވެއެވެ.

