އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަވެފައިވާ ކަމަށް އިސްރާއީލުގެ އިސް އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފިއެވެ.
މި ހަބަރު ފެތުރިފައިވަނީ މެދުއިރުމަތީގެ މަސްރަހު ނުހަނު ބޮޑަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.
ރޮއިޓާސް ނޫސް އެޖެންސީން އިސްރާއީލުގެ އިސް އޮފިޝަލަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އާޔަތުﷲ އަލީ ހާމަނާއީގެ ހަށިކޮޅު މިހާރު ވަނީ ފެނިފައެވެ. އަދި އެމެރިކާގައި ހުންނަ އިސްރާއީލުގެ ސަފީރު ޔެހިއަލް ލައިޓަރއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ، ހާމަނާއީ އަވަހާރަވީ ތެހެރާނުގައި ހުންނަ އެމަނިކުފާނުގެ ގަނޑުވަރު ހުންނަ ސަރަހައްދަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާއެއްގައި ކަމަށެވެ.
މީގެ އިތުރުން، އިސްރާއީލުގެ މަޝްހޫރު ނޫސްތައް ކަމަށްވާ ”ނިއުސް 12“ އަދި ”ޓައިމްސް އޮފް އިސްރާއީލް“ އިން ވެސް ދަނީ އެ ގައުމުގެ ރަސްމީ ފަރާތްތަކާ ހަވާލާދީ އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަވެފައިވާ ކަމުގެ ހަބަރުތައް ފަތުރަމުންނެވެ. މި ހަބަރުތަކާ ގުޅިގެން ސަރަހައްދީ ބާރުތަކުގެ މެދުގައި ބޮޑު ސަމާލުކަމެއް ވަނީ އުފެދިފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ އީރާނުގެ ވެރިޔާގެ ބާރު ކެނޑިފައިވާ ކަމަށާއި، އެމަނިކުފާނު މަގާމުން ދުރަށް ގޮސްފައިވާކަމުގެ ހެކިތައް އިތުރުވަމުންދާ ކަމަށެވެ. އަދި އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތައް ބޭނުންވާ މިންވަރަކަށް ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ވެސް ނަތަންޔާހޫ ވަނީ ދެއްވާފައެވެ.
އިސްރާއީލުގެ ފަރާތުން މިފަދަ ދައުވާތަކެއް ކުރަމުންދިޔަ ނަމަވެސް، އީރާނު ސަރުކާރުން ވަނީ މި ހަބަރުތައް ރަސްމީކޮށް ދޮގުކޮށްފައެވެ. އީރާނުން ބުނަމުންދަނީ މިއީ އިސްރާއީލުން ފަތުރަމުންދާ ދޮގު ޕްރޮޕަގަންޑާއެއް ކަމަށެވެ. މިހާތަނަށް އައިއިރު، މިކަމާ ގުޅޭ މިނިވަން އަދި ސައްހަ މައުލޫމާތެއް އެއްވެސް ފަރާތަކަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

