ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެދުއިރުމަތީގެ ހަނގުރާމަ: އިގްތިސާދީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ: މާލީ ވުޒާރާ

ރައީސް މުއިއްޒު އަދި މިނިސްޓަރު ޒަމީރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ހިފަހައްޓައި، އިގްތިސާދީ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާނެ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.

މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތަށް އަތުވެދާނެ ބަދަލުތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން، މި ހާލަތުގެ ސަބަބުން ކުރިމަތިވެދާނެ ހިރާސްތަކަށް ތައްޔާރުވުމަށާއި އަވަސް ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރަމުންދާނެ ކަމުގެ ޔަޤީންކަން އެ ވުޒާރާއިން ވަނީ ދީފައެވެ.

ރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާން މެދުވެރިކޮށް ކަމަށްވުމާއެކު، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާ ގުޅިގެން ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް މި ހަމަނުޖެހުންތަކުގެ ސަބަބުން ކޮށްފާނެ އަސަރުތައް ވެސް ދަނީ ދިރާސާކުރަމުންނެވެ. ޚާއްޞަކޮށް ފަތުރުވެރިން އަންނަ މިންވަރަށާއި ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް އަންނަ ބަދަލުތަކަށް ބަލައި، ރާއްޖޭގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން ދެމެހެއްޓުމަށް މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވަނީ ރޭވިފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ތަފާސްހިސާބުތަކާ ހަވާލާދީ މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ ރިޒާވް މިވަގުތު ހުރީ އެކަށީގެންވާ މަތީ މިންވަރެއްގައެވެ. މިއީ ބޭރު ދުނިޔެއިން ކުރިމަތިވާ އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ސަރުކާރަށް ލިބޭ ބޮޑު ބާރެކެވެ.

ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުމަކީ އަބަދުވެސް އިސްކަންދޭނެ ކަމެއްކަން ފާހަގަކުރަމުން، މާލީ ވުޒާރާއިން ވަނީ މި ދަނޑިވަޅުގައި ގައުމުގެ އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: